އެއަރޕޯރޓް ތަކުގައި އެވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި މަސައްކަތް ކުރާ އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އެއަރޕޯރޓް ސެކިޔުރިޓީ މެނޭޖްމަންޓް ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 15އިން 24އަށް ކުރިއަށް ގެންދިޔަ މި ކޯހަކީ އެމެރިކާ ސްޓޭޓް ޑިޕާރޓްމަންޓްގެ އެންޓި ޓެރަރިޒަމް އެސިސްޓަންޓް އާއި އެވިއޭޝަން ސެކިޔުރިޓީ ކޮމަންޑް ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.
މި ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމެރިކާ އެމްބަސީ ގެ ޗާޖް ޑި އެފެއަރސް އޮފް ދަރ މިޝަން ޓްދަރ މޯލްޑިވްސް މިސް އެންޑްރިއާ އަޕެލްއެވެ.
މިޕްރޮގްރާމަކީ އެއަރޕޯރޓް ތަކުގައި އެވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި މަސައްކަތް ކުރާ އިދާރާތަކުގެ އޮޕަރޭޝަނަލް މާހައުލުގައި ހަރަކާތްތެރިވާ މިޑްލް މެނޭޖްމަންޓް މުވައްޒަފުންނަކީ އެވިއޭޝަން ސެކިޔުރިޓީ މަސައްކަތްތައް ކުރުމުގެ ހުނަރު ލިބިގެންވާ ބައެއްކަމުގައި ހެދުމުގެ މަޤްސަދުގައި ފަރުމާކޮށް ހިންގުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި އެވިއޭޝަން ސެކިޔުރިޓީ ކޮމަންޑްގެ 14 ބޭފުޅުންނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގެ 5 ބޭފުޅުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ 5 އޮފިސަރުންނާއިއެކު ޖުމްލަ 24 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ޙާސިލްކޮށްފައިވެއެވެ.
މިރަސްމިއްޔާތުގައި އެމެރިކާ އެމްބަސީ ގެ ޗާޖް ޑި އެފެއަރސް އޮފް ދަރ މިޝަން ޓްދަރ މޯލްޑިވްސް މިސް އެންޑްރިއާ އަޕެލް ވަނީ އެވިއޭޝަން ސެކިޔުރިޓީ ކޮމަންޑް ގެ ލޯގޯގައި ހިމެނޭ ކޯ ވެލިޔުސްތައް ކަމުގައިވާ އިންޓެގްރިޓީ، އިނޮވޭޝަން އަދި ޓީމް ސްޕްރިޓް އިން ދޭހަކޮށްދޭ މާނައިގެ ފުންކަމާއި މުހިއްމުކަމުކަމަށް އަލިއަޅުވާ ލެއްވިއެވެ. އަދި މި ޕްރޮގްރާމްގައި ސެކިޔުރިޓީ އާއި ގުޅުންހުރި ރާއްޖޭގެ މައި ދެ އިދާރާ ބައިވެރިވެފައިވާކަމީ އެއަރޕޯރޓްގެ އޭވިއޭޝަން ސެކިޔުރިޓީ ބެލެހެއްޓުމުގައި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ހާމަވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
މި ރސްމިއްޔާތުގައި އެވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ކޮމާންޑަރ ކާނަލް ނަސްރުއްﷲ އިބްރަހިމް މަޖުދީ ވަނީ އެމެރިކާ ސަރުކާރުގެ އެހީގައި އވިއޭޝަން ސެކިޔުރިޓީ ދާއިރާ ހަރުދަނާކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ބޭނުންތެރިކަން ފާހަގަކޮށް އެމެރިކާ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ގައުމީ ސަލާމަތުގެ ވިއުގައިގާ އެވިއޭޝަން ސެކިޔުރިޓީގެ މުހިއްމުކަމާއި މިވިއުގައިގާ ހިމެނޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވިއެވެ. މިރަސްމިއްޔާތުގައި އެވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ އިސްވެރިންނާއި ކޯހުގެ މުދައްރިބުން އަދި އޭވިއޭޝަން ސިނާއަތުގެ އެކިއިދާރާތަކުގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.