ދުނިޔޭގެ ވިޔަފާރި

ޑިމާންޑް ދަށްވެ، ޓޮޔޯޓާގެ އުފެއްދުންތައް އަނެއްކާވެސް މަދުކުރަނީ


ޖަޕާނުގެ މަލްޓިނޭޝަނަލް އޮޓޯމޭޓިވް ކުންފުނި ޓޮޔޯޓާއިން އެމީހުން އުފެއްދުންތައް މަދުކުރާނެކަން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މި ނިމޭ ހަފްތާގެ ކުރީކޮޅުވެސް އެ ކުންފުނިން ވަނީ ޓޮޔޯޓާގެ އުފެއްދުންތަކުގެ އަދަދު މަދުކުރާނެކަން އިއުލާންކޮށްފައެވެ. އެހެންކަމުން މި ނިންމުމާއި އެކު އަންނަ މަހުން ފެށިގެން ކުންފުނީގެ އުފެއްދުންތަކުގެ މިންވަރު ވަރަށް ބޮޑަށް ދަށްވާނެއެވެ.

ޓޮޔޯޓާއިން ބުނީ އުފެއްދުންތައް މަދުކުރަން ނިންމީ ބާޒާރުން މައިކްރޯޗިޕް ގަންނަން ލިބުން ދަތިވުމުންކަމަށެވެ. އަދި ޗައިނާގެ ކޯވިޑް ހާލަތު ގޯސްވުމުގެ ސަބަބުން އުފެއްދުންތަކަށް އޮތް ޑިމާންޑްވެސް ދަށްވެފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. ހިސާބުތަކުން ދައްކާގޮތުގައި ޗައިނާ، ޔޫރަޕް އަދި އެމެރިކާގައި ކާރަށް ކުރިން އޮތް ޑިމާންޑް މިހާރުވަނީ ބޮޑުތަނުން ވެއްޓިފައެވެ.

އުފެއްދުމުގެ މިންވަރު މަދުކުރުމަށް ނިންމާ އަންނަމަހު އުފައްދަން ޓޮޔޯޓާ ކުންފުނިން ނިންމީ 800000 ވެހިކަލެވެ. އެހެންނަމަވެސް އަލުން ގެނައި ބަދަލާއެކު މި އަދަދުން 50000 ވެހިކަލް މަދުވާނެއެވެ.

ކުންފުނިން މުޅި އަހަރު ދުވަހު ތެރޭގައި އުފައްދާ 9.7 މިލިއަން ވެހިކަލްގެ އަދަދުވެސް ކުރިއަށް އޮތްތަނުގައި މަދުކުރަން ޖެހިދާނެކަމަށް ޓޮޔޯޓޯއިން ބުނެއެވެ. އަދި ލޮކްޑައުނުގެ ސަބަބުން މިހާރު އުފައްދާ މިންވަރާއި ކުންފުނީގެ ހާލަތު ބުނެދޭން ދަތިކަމަށްވެސް ޓޮޔޯޓާއިން ވަނީ ބުނެފައެވެ. މީގެއިތުރުން ޓޮޔޯޓާއިން ބުނީ އުފެއްދުންތައް މަދުކުރުމުގެ ސަބަބުން އެމީހުންގެ ކޮރޯލާ އާރްއޭވީފޯ މޮޑެލާއި ޕްރިއެސް އަދި ފޯރަނާ މޮޑެލަށްވެސް އަސަރުކުރާނެކަމަށެވެ.

ޗައިނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އޮޓޯ މާކެޓް އޮތް ގައުމެވެ. ޗައިނާގައި އޮތް ލޮކްޑައުންގެ ސަބަބުން އުފެއްދުންތަކުގެ ސަޕްލައި އާ ޑިމާންޑަށްވެސް އަސަރު ކުރާނެކަމަށް ކަމާއިބެހޭ މާހިރުން ވިދާޅުވެއެވެ.