ދުނިޔޭގެ ވިޔަފާރި

4 ވަނަ ކުއާޓަރުގައި އަލީބާބާއަށް ލިބުނު އާމްދަނީ އިތުރުވެއްޖެ


ޗައިނާގެ އީ ކޮމާސް ކުންފުނި އަލީބާބާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މާޗްމަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 30.3 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިހާތަނަށް އަލީބާބާއަށް އާމްދަނީ އެންމެ މަދުން ލިބުނު ކުއާޓަރެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ވަނީ 64 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަހަރުގެ ބާކީ ދުވަސްތަކަށް ވިޔަފާރީގެ އަންދާޒާއެއް ނުކުރާނެކަމަށް އަލީބާބާއިން ވަނީ ބުނެފައެވެ.

ވިޔަފާރިއަށް މާބޮޑު ކުރިއެރުމެއް ނުލިބުނުކަމުގައިވިޔަސް އަލީބާބާގެ ކަސްޓަމަރުންގެ އަދަދު އެއް އަހަރު ތެރޭގައި ވަނީ އިތުރުވެފައެވެ. އަލީބާބާގެ ޗައިނާގެ ކަސްޓަމަރުންގެ އަދަދު ފުރަތަމަ ފަހަރަށް އެއް ބިލިއަނަށްވެސް ވަނީ އަރާފައެވެ. ކުންފުނީގެ ކަސްޓަމަރުން އަދަދު މިހާރު މުޅި ޖުމްލަ 1.31 ބިލިއަނަށް އަރައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ހެދި ޗައިނާގެ ބޮޑެތި ގިނަ ކުންފުނިތަކަކަށް ވަނީ އަސަރުކޮށްފައެވެ. ޗައިނާގެ ގޭމް ކުންފުނި ޓެންސެންޓްގެ ވިޔަފާރިއަށްވެސް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު މިއަހަރު އައިސްފައިވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ.

އަލީބާބާގެ ވާދަވެރި ކުންފުނި ޖޭޑީޑޮޓްކޮމްގެ ވިޔަފާރިއަށްވެސް މިދިޔަ އަހަރާއި އަޅާބަލާއިރު އައިސްފައިވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ.