ތިލަފުށީގައި ކުނިން ހަކަތަ އުފާދާ ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްއޮތް އަހަރުގެ ތެރޭގައި ފަށާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިޒާމް މެދުވެރިކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފެއްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތިލަފުށީގައި މަސައްކަތްތަކަށާއި ގްރޭޓަރ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓް ބޭނުންކުރެވޭނެއެވެ.
މުޅި މާލެ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ގާއިމްކުރާ، ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމަށް ބޭނުންވަނީ ވަކި ކޮލިޓީއެއްގެ ކުންޏެވެ. ވެމްކޯއަށް ކުނި ގެންދާއިރު ކުނި ވަކިނުކޮށް ހުންނަނަމަ އެ މަސައްކަތަށް ބޭނުންވާ ކޮލިޓީއަށް ކުނި ގެނެސް، ކުނި ވަކިކުރުމުގެ މަސައްކަތް ކުރަމުންދަނީ ވެމްކޯގެ މުވައްޒަފުން އެމީހުންގެ އަތުންނެވެ. މިއީ އެތައް ވަގުތެއް ހޭދަކޮށް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއްކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މިއި ބޮޑު ޚަރަދެއްވެސް ހިނގާ ކަމެއްކަމަށާއި، މި ހުރިހާ ކަމަކަށްވެސް ހައްލު ލިބެން އޮތީ ކުނި އުފައްދާ ތަންތަނުން އެކުނި ވަކިކޮށް، ރަނގަޅު ގޮތުގައި ތިލަފުއްޓަށް ފޮނުވައިގެންނެވެ.
އަދި 2023ގައި ފަށާ ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ތައްޔާރުވެވެންވެސް އޮތީ މިހެން މިކަންކޮށްގެން ކަމަށް އެކުންފުނިން ވިދާޅުވެއެވެ. ކުނިން ނަފާ ހޯދުމަށް މަސައްކަތް ފަށާފައިވާއިރު، އެކަންކުރެވެން އޮތީވެސް ކުނި ވަކިކޮށްގެންކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ތިލަފުށީގެ މަޝްރޫޢު ނިމިގެންދާއިރު ރަށްރަށުންނާއި މާލެ ސަރަހައްދުގައި ޤާއިމްކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ތިލަފުށްޓަށް ކުނި ގެންދާނީ މޫދަށާއި ކަނޑަށް ކުނި ނޭޅޭނެހެން ކުނީގެ ބާވަތްތައް ވަކިކުރެވި ކޮންޓެނެއިނަރ ތަކުގައި ބަންދުކޮށްގެންކަމަށެވެ. އަދި މުޅި މަޝްރޫޢު ތަންފީޒްވެގެންދާއިރު ތިލަފުށިން މިހާރު ފެންނަންހުރި ކުނި ފަރުބަދަ ހިމެނޭ ސަރަހައްދު ބަދަލުވެގެންދާނީ އާޢްމުންނާއި ފަތުރުވެރިންނަށްވެސް ހިތްހަމަޖައްސާލުމަށާއި ވަގުތު ހޭދަކުރެވެނޭ ފަދަ ފެހިކަން ގަދަ ސަރަހައްދަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝޤރޫއުގެ ދަށުން ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތިލަފުއްޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި މާލެއާއި އެކި ސަރަހައްދުތަކުން ޖަމާކުރެއެވެ. މިހާރު މިކުރާ އުޞޫލުން މިކަން ކުރާނަމަ ތިލަފުށީގެ ކެޕޭސިޓީ ކުރިއަށްއޮތް 3 އަހަރެއްގެ ތެރޭގައި ފުރިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައަކީ އަވަސް ހައްލެއް ބޭނުންވާ މައްސަލައަކަށް ވުމުން އެކަމަށް ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިގޮތުގައި ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން މިކަން ކުރެވެންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގައި އެހީގައި އެންވަޔަަރަމަންޓް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ތިލަފުށީގައި ކުރިއަށްދާއިރު، މިއީ 2.3 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓަކީ ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭވަރުގެ ޕްލާންޓެކެވެ. މިޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ.