މުދައްރިސުންނަކީ ދަރިވަރުންނާއި އެންމެ ކައިރިން އެންމެ ގިނަ ވަގުތު ހޭދަކުރާ އެއްބައެވެ. ދުވާލުގެ ގިނަ ވަގުތުތަކުގައި ދަރިވަރުންނާއި އެކު ހޭދަކުރާ ވަގުތުތަކުގެ އިތުރަށް ރޭގަނޑުގެ ވަގުތުތަށްވެސް ހޭދަކުރަނީ ދަރިވަރުންގެ ހައްޤުގައެވެ.
ސްކޫގައި އިތުރު ހަރަކާތެއް އޮވެއްޖެނަމަ ސްކޫލްއަށް ނުކުންނާނެއެވެ. އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގައި އެއަށްވުރެ ގިނަ ވަގުތު ހުސްކުރާނެއެވެ. އަމިއްލަ ޢާއިލާއާއި އަނބި ދަރިން ދޫކޮށް މޮޅު ދަރިވަރުންތަކެއް އުފެއްދުމަށް ހެނދުން ފެށިގެން އިރު އޮއްސެންދެންވެސް މަސައްކަތް ކުރަމުން ގެންދާނެއެވެ. އެހެންނަމަވެސް މުދައްރިސުން ކުރާ މި މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމުގެ މައްސަލައަކީ މިއަހަރުގެ މެއި މަހުގެ 1ވަނަ ދުވަހާ ހަމަޔަށްވެސް އޮތް މައްސަލައެކެވެ.
އޯގާތެރި ވެރިއެއްގެ ހުރި އިހުސާންތެރިކަން މި މޭމަހުގެ ޓީޗަރުންގެ މުސާރައިން ހާމަވެއްޖެ. ރައީސް ޞާލިޙު އަކީ ވަޢުދުވެ، ވަޢުދު ރަނުން ރަނަށް ފުއްދަވާ ރައްޔިތުންގެ އިތުބާރާ ޔަގީންކަން ހޯއްދެވި ވެރިއެއް. ޓީޗަރުންގެ ޢާއިލާ ތަކަށް އުފާވެރިކަން. @ibusolih @aisthly @MoEdumv pic.twitter.com/LsuFB8VmQP
— Ahmed Sameer (@meeraazu) May 30, 2022
ލިބޭ މުސާރައިން ދެކޮޅު ނުޖެހި އިތުރު މަސައްކަތްތައް ކުރަން ޖެހޭ ޙާލަތްތައް މެދުވެރިވެއެވެ. ޚާއްސަކޮށް މާލޭގައި އުޅޭނަމަ ތަނަށް ކުލި ދެއްކުމަށްފަހުގައި އަތުގައި ރައްކާ ކުރެވިފައި އޮންނަނީ މަދު ފައިސާ ފޮތްޗެކެވެ. މިހާ ދުވަސްވީ މުދައްރިސުންގެ މި ޝަކުވާއަށް ހައްލެއް ލިބޭނެކަމުގެ ފޮނި އުންމީދެއް އައުވެގެން ދިޔައީ 2022ވަނަ އަހަރުގެ ފެބުރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލުސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ޓީޗަރުންގެ މުސާރަ ބޮޑުކުރައްވަން ސަރުކާރުން ނިންމެވި ކަން އިޢުލާނު ކުރެއްވި ހިސާބުންނެވެ.
ٱلْحَمْدُ لِلَّٰهِ
— Aishath Ali (@aisthly) May 30, 2022
މޭ މަސް ނިމި އާ އޮނިގަނޑަށް ހިޖުރަކުރި ފަރާތްތަކުގެ މުސާރަ ޖަމާވެއްޖެ. މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން. ޝުކުރިއްޔާ ރައީސް @ibusolih#Heyoverikan
އަދި އެދުވަހު މުދައްރިސުންގެ މުސާރަ 12000އިން 19000އަށް ބޮޑުކޮށްދެއްވާނެކަމަށް ރައިީސް ވިދާޅުވެ މިއަދު އެވަނީ އެ ވަޢުދުވެސް ފުއްދަވާފެއެވެ. މުދައްރިސުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަން އިޢުލާން ކުރެއްވުމުން އެއްބަޔަކު އެހީ ހުވަފެންކަމަށް ބުނަމުން ދިޔަނަމަވެސް މެއި މަހުގެ މުސާރަ ޖަމާވުމާއެކު މުދައްރިސުންގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެތައް ދުވަހެއްގެ އިންތިޒާރު ހަޤީގަތަކަށް ވީއެވެ.
ތަޢުލީމް ދާއިރާގއި މުސާރަ ބޮޑު ކުރި މީހުންގެ ތެރޭގައި މުދައްރިސުންނާއި ޕްރިންސްޕަލުންނާއި އެޑިޔުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލްސް ހިމެނެއެވެ. މީގެ އިތުރަށް އިދާރީ މުވައްޒަފުންގެ މުސާރައަށްވެސް ވަނީ %35ގެ ކުރިއެރުމެއް އައިސްފައެވެ.
މުދައްރިސުންގެ މުސާރައިގެ ކުރިއެރުމަށް ބަލާއިރު ޑިޕްލޮމާ ޓީޗަރަކަށް މީގެ ކުރިން 10889 ރުފިޔާ ލިބުނުނަމަވެސް މިހާރު 13266 ރުފިޔާ ލިބޭނެއެވެ. ޑިގްރީ ޓީޗަރަކަށް މިހާރު 13008 ރުފިޔާއިން 19467 ރުފިޔާގެ ކުރިއެރުމެއް މުސާރައަށް ވަނީ އައިސްފައެވެ. މާސްޓާސް ޓީޗަރަކަށް ކުރިން 15135 ރުފިޔާ ލިބުނުމަވެސް މިހާރު 20895 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. މީގެ އިތުރަށް މުދައްރސިުންގެ ރޭންކް 4 އަށް 23277 ރުފިޔާ ލިބޭއިރު ރޭންކް 5ގެ ޓީޗަރެއްގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ 25958 ރުފިޔާއެވެ.
މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދެލެއް އަތުވެއްޖެއެވެ. ދެން އޮތީ ޕްރިންސްޕަލުންގެ މުސާރައެވެ. މި މެއި މަހުން ފެށިގެން ޕްރިންސްޕަލުންނާއި ޑެޕިއުޓީ ޕްރިންސްޕަލުންގެ މުސާރަވެސް ބޮޑުވެއްޖެއެވެ. މިގޮތުން ރޭންކް 1ގައި ހިމެނޭ ޕްރިންސްޕަލުންނަށް ދެން ލިބޭނީ 30610 ރުފުޔާއެވެ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސްޕަލުންނަށް 33075 ރުފިޔާ ލިބޭއިރު ރޭންކަ 3ގައި ހިމެނޭ ޕްރިންސިޕަލުންނަށް 35452 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން ސްކޫލުގެ އާބާދީއަށްބަލާ ޕްރިންސިޕަލުންނަށް އިތުރު އެލަވެންސެއް ލިބެއެވެ. އެއީ 1000ރ އިން ފެށިގެން 5000ރ. އާ ދެމެދުގެ އެލަވެންސެކެވެ.
ރޭންކް 1 ގައި ހިމެނޭ ޑެޕިއުޓީ ޕްރިންސްޕަލުންނަށް ކުރިން 13079 ރުފިޔާ ލިބުނުނަމަވެސް މި ބަދަލާ އެކު 23240 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. އެއީ 78 އިންސައްތައިގެ ކުރިއެރުމެކެވެ. ރޭންކް 2ގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް ކުރިން 16830 ރުފިޔާ ލިބުނުނަމަވެސް 54 އިންސައްތައިގެ ކުރިއެރުމަކާއެކު ދެން ލިބޭޏި 26023 ރުފިޔާއެވެ. މީގެ އިތުރުން ރޭންކް ތިނެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސްޕަލަކަށް 28787 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ވަރަށްވެސް އުފާވެރި. pic.twitter.com/KI2LYc3dbr
— Mohamed Rasheed (@mrasheedhu) May 30, 2022
އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32218 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. އެ މުވައްޒަފުންގެ މުސާރައަށް އިތުރު 488 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މުދައްރސިުންގެ މި މުސާރަ ކުރިން ކޮންމެ 5 އހަރަކުން ބަދަލު އައިނަމަވެސް ދެން ކޮންމެ 2 އަހަރަކުން ބަދަލު އަންނާނެއެވެ.
މި ނުމުނު މެއި މަހަކީ މުދައްރިސުންގެ މުސާރަ ބޮޑުވި ފަހުން މުސާރަ ލިބޭ ފުރަަތަމަ ފަހަރެވެ. މުސާރަ ހަދާ އުސޫލަށް ބަލައިލާއިރު މޭ މަހުގެ އެކަކުން ފަނަރަށް އާ އޮނިގަނޑުގެ ދަށުން އިތުރުވާ މުސާރައިން ބައެއް ލިބޭނެއެވެ.އެގޮތުން އާ އޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުންނަށް، ވަކިން ޚާއްސަކޮށް މުދައްރިސުންގެ ، މުސާރައިގެ އޮނިގަނޑުގައި ހުރި އަދަަށް މިމަހު މުސާރަ ނުލިބިދާނެއެވެ. ނަމަވެސް މި ފެށޭ ޖޫންމަހުގެ މުސާރައިން މުސާރަ ބޮޑުވެފައިވާ މަންޒަރު ސާފުކޮށް ފެނިގެންދާނެއެވެ.
މެއި މަހުގެ މުސާރަ ޖަމާވި ހިސާބުން މުސާރައަށް އައި ބަދަލު ފާހަކޮށް އެކި ފަރާތްތަކުން ގެންދިޔައީ ސޯޝަލް މީޑިއާ ފުރާލަމުންނެވެ. އޭޕްރީލް މަހުގެ މުސާރައާއި މެއި މަހުގެ މުސާރައާ އަޅާ ކިޔާ އުފާފާޅު ކުރި މަންޒަރެވެ. ސަރުކާރަށް ޝުކުރު އަދާކުރެއވި މަންޒަރެވެ. ހިތްހަމަޖެހިފައި ތިބި މަންޒަރެވެ. މުދައްރިސުންނާއި މުދައްރިސުންގެ އާޢިލާއަށް އުފާވެރިކަން އައި މަންޒަރެވެ. 12000 އިން 19000 އަށް މުސާރަ ބޮޑުވެފައި އޮތް މަންޒަރެވެ. އައު އޮނިގަނޑުގެ ތެރެއިން މުސާރާ ހިނގާ ދުވަސްތައް މަދުވެފައި، ބަންދު ދުވަސްތައް ގިނަވިނަމަވެސް ކުރިއާ އަޅާ ބަލާއިރު މުސާރައަށް ހެޔޮ ބަދަލު އައިސްފައިވާ މަންޒަރެވެ.
އަޅުގަނޑު ވާހަކަ ދައްކާލި ބައެއް މުދައްރިސުންވެސް ބުނި ގޮތުގައި ސަރުކާރުން މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ކުރިން 12000 ލިބުނުނަމަވެސް މިއާ ބަދަލާއެކު މެއި މަހުގައި 16000 ޖެހުނުކަމަށް ބައެއް މުދައްރިސުން ބުނެއެވެ.
މުދައްރިސުންގެ މުސާރައަށް ގެންނައި ބަދަލު އެ ބުރަ މަސައްކަތް ކުރައްވާ މުދައްރިސުން ބަލައިގަންނަކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މުދައްރިސުން ތިބީ މުސާރައާ މެދު ހިތްހަމަޖެހިގެންކަމަށެވެ. މި ބަދަކާއެކު މުވައްޒަފުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މީހުން ބިނާކުރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މީހުން ބިނާކުރުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރައްވަނީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއައި ބަދަލުގެ ސަބަބުން މުސްތަޤުބަކުގައި މިދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެކަމުގެ މަންޒަރުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމަށެވެ .އެގޮތުން ކުރިއަށް އޮތްތަނުގައި ކޮލެޓީ ބޭފުޅުން މިދާއިރާއަށް ގުޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މުދައްރިސުންގެ މުސާރައަށް އައި ބަދަލާއެކު މިދާއިރާއަށް ވިހާވެސް ގިނަ ދިވެހި މުދައްރިސުން އައުމަށް އެދިވަޑައިގެންފައެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކމުގެ ޝަކުވާތަކާއެކު މީގެ ކުރިން ބައެއް ބޭފުޅުން ތައުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކާ ގުޅިފައިފައިވެއެވެ. އެގޮތުން ކުރިން މިދާއިރާތަކުގައި ތިއްބެވި މުވައްޒަފުން ލޯކަލް ކައުންސިލްތަކުގެ ސެކްރެޓެރީ ޖެނަރަލުންގެ މަޤާމަށްވެސް ވަނީ ގޮސްފައެވެ. އެހެންނަމަވެސް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިފަދަ ބޭފުޅުން ތަޢުލީމީ ދާއިރާއަށް އަލުން އައުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން މިދާއިރާގައި މީގެކުރިން މަސައްކަތް ކުރި މުވައްޒަފުން އެނބުރި އައުމަށް ބޭނުންވެގެން މިނިސްޓްރީއަށް އަންނަނީ ސިޓީވެސް ފޮނުވަމުންނެވެ. މީގެ އިތުރަށް މި ދާއިރާއަށް މިހާރު ގިނަބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު ޕްރިންސްޕަލުންގެ ޑިމާންޑްވެސް އިތުރުވަމުން އަންނަކަމަށެވެ. މިގޮތުން ކުރިން ޕްރިންސްޕަލުން ނެތް ރަށްރަށައް އިތުރު ރަށްރަށުން ޕްރިންސްޕަލް ގެންދިއުމުގެ ބަދަލުގައި އެ ރަށަކުންވެސް އެ މަޤާމަށް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަކަމަށެވެ.
އެސްޖީން ހޯދުމަށް މިދިޔަ އަހަރުގެ މެދުތެރޭގައި އިއުލާންކުރުމުން ތައުލީމީ ދާއިރާގެ ހިދުމަތުގައި ތިއްބެވި ބައެއް ބޭފުޅުން، އެ ދާއިރާ ދޫކޮށް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލިއެވެ. ނަމަވެސް މުދައްރސިުންގެ މުސާރައިގެ އާ އޮނިގަނޑަށް އެންމެ ފަހުން ގެނައި ބަދަލުން އެސްޖީންނަށް ވުރެ މުދައްރިސުންގެ މުސާރައަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވ އެވެ.
ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި ގެއަށް ގެންދަން ލިބެނީ 16000 ރުފިޔާއެވެ. އަތޮޅު ކައުންސިލްގެ އެސްޖީއަކަށް މުސާރައިގެ ގޮތުގައި ގެޔަށް ގެންދަން ލިބެނީ 21000 ރުފިޔާއެވެ. އަދި ސިޓީ ކައުންސިލްތަކުގެ އެސްޖީންގެ މުސާރައަކީ 35،500 ރުފިޔާއެވެ. ނަމަވެސް، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ސަބަބުން، އިތުރު ގަޑީގެ ފައިސާއާ އެކު މަހަކު ގެއަށް ގެންދަން ލިބޭ ވަރު އެތައް ގުނައެއް އިތުރުވެފައިވެއެވެ.
އެތަކެއް ދުވަހެއްވި މުދައްރިސުންގެ މި ބޮޑު ޝަކުވާއަށް އަދުގެ ސަރުކާރުން އަޑު އައްސަވާ އިޖާބުދީފިއެވެ. ދެން އޮތީ މުދައްރިސުންގެ ޒިންމާއެވެ. ހަރުދަނާ ތަޢުލީމީ ޖީލެއް އުފައްދާ ރަނގަޅު ދަރިންތަކެއް އުފެއްދުމުގެ ޒިންމާއެވެ. މި ދާއިރާގައި ތިބި ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހިން ކިޔަވއިގެން އައިސް ދާއިރާއަށް ގުޅެންވީއެވެ.