ޚަބަރު

"ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފުތިތާޙުކޮށްފި


މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އޮފީހާއި ގުޅިގެން ބާއްވާ "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގުރާމް"އިފުތިތާޙުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ކުދިންގެ ބެލެނިވެރިންނާއި ސަރުކާރާއި އަދި ޔުނިސެފްގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޔުނިސެފާ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ފަށާ މި ޕްރޮގުރާމް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގުރާމްގެ މަޤުޞަދަކީ ކުދިން ހެދިބޮޑުވުމުގައި އެހީތެރިކަންދީ ކުދިންގެ ޤާބިލުކަން ހުރި އެންމެ މަތީ މިންވަރަކަށް، އެ ކުދިންގެ ޤާބިލުކަން އިތުރުކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިކަމުގެ ރަނގަޅު ހުނަރުތައް ބެލެނިވެރިންނަށް ދަސްކޮށްދީ ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމެވެ.

މި ޕްރޮގުރާމަކީ 2021 ވަނަ އަހަރު ކުރިއަށްގެންދިޔަ "ސިޗުއޭޝަން އެނާލިސިސް އޮފް ޗިލްޑްރަން އެންޑް ޔޫތު"ގައި ފާހަގަކޮށްފައިވާ ފަދައިން ކުޑަކުދިންގެ ދިރިހުރުމާއި ތަރައްޤީއަށް ހުރި އެންމެބޮޑެތި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ. އަދި މިއީ 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާއި، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މައިންބަފައިންނާއި، ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނަށް އިތުރަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތަކަށްވެސް ހައްލުތައް ހޯދުމަށް އަމާޒު ހިފާފައިވާ ޕްރޮގުރާމެކެވެ.