ޚަބަރު

3000 މެންބަރުން ހަމަނުވާ ޕާޓީތައް މިމަހު 14ގެ ފަހުން އުވޭނެ


ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހުގެ 14ގެ ފަހުން އުވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެމްބަރުންގެ އެޕާޓީއެއްގައި ތިބެގެންނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3000 މެންބަރުންގެ ސޮއެއާއިއެކުގައި ރެޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމާއި ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000 އަށް ވުރެ ދަށް ވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ. ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3000 މީހުން ހަަމަކުރުމަށް އެޕާޓީތަކަށް ނޯޓިސް ފޮނުވާފައެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްޕާޓީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

މިޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތަކުން ވަނީ އިލެކްޝަނުން ދީފައިވާ މުއްދަތު އިތުރު ކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ކޮމިޝަނުން މުއްދަތު ދީފައިވަނީ ޤާނޫނުގައި ބުނާ މުއްދަތަށް ކަމަށެވެ. ކޯވިޑާއި، ކުޅިގެން 3000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދިން މުއްދަތަށް ލުއިދީފައިވީނަމަވެސް މިހާރު ދީފައިވާ މުއްދަތަށް އިތުރު ބަދަލެއް ނާންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބި ކަމުގައިވާނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. މިޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރު ފައިސާ ދޫކޮށްފައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.