ޚަބަރު

ޤާޟީ އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޔާމީންގެ ޝަރީޢަތް ކެންސަލް


ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ.އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދު 13:00 ގައި ބާއްވަން ތާވަލް ކުރި އަޑު އެހުން ކެންސަލް ކޮށްފައިވަނީ މައްސަލަ ބައްލަވާ ޤާޞީ އާލާސްކަންފުޅާ އުޅުއްވާތީކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތައް ބައްލަވަނީ އިސް ގާޒީ އަހްމަދު ޝަކީލެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިއަދުގެ ޝަރީއަތް ކޯޓުން ތާވަލްކޮށްފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ގޮތަށް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް ވ.އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ މިފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވި ހިސާބުން ފެށިގެން މިއީ ކުށުގެ ޢަމަލެއްކަމަށް ވާކަމުގައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފައެވެ.

ވ.އާރަށުގެ އިތުރުން ފުއްގިރި ކުއްޔަށް ދިން މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދަށުވާ އުފުލާފައެވެ. އެ ދެ މައްސަލަވެސް ކުރިއަށްގެންދަނީ ވަކިންނެވެ.