ހުވަދު އަތޮޅު އުތުރުބުރީ ދާންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓްމަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދާންދޫގެ އިތުރުވަމުން އަންނަ އާބާދީއާއެކު، ރަށަށް ވަނީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. 2000 މީހުންގެ އާބާދީއެއް އޮންނަ ދާންދޫން މީގެކުރިންވެސް ބިންހިއްކާ، ރަށަށް ޖާގަ އިތުރުކޮށްފައިވެއެވެ. އެސަރަޙައްދު ބޭނުންކުރަނީ އާއްމު އެކި ޚިދުމަތްތަކަށެވެ.
ދާންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އިއްޔެ އެރަށައް ގެންގޮސްފައިވާކަމަށެވެ. އަދި ބިން ހިއްކުމަށްޓަކައި ބަންޑް ވޯލް އެޅުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އަންނަ އޯގަސްޓްމަހަށް ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ.
ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 01 ޖޫން 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ. އަދި ބަންޑް ވޯލް އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފަ.#MTCCProjects #RayyithungeKunfuni pic.twitter.com/LiFgDnbax9
— MTCC Plc (@MTCCPlc) June 2, 2022
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ މީގެކުރިން އެރަށުން ހިއްކި ސަރަހައްދުން ރަށުގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާކަމަށެވެ. އަދި މިފަހަރު ހިއްކާ ސަރަޙައްދު ވިޔަފާރީއާއި އާއްމު ބޭނުންތަަކުގެ އިތުރަށް ފަތުރުވެރިކަމަށް ޚާއްސަކުރުމަށް ނިންމާފައިވާކަމަށް އެނާ ވިދާޅުވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ދާންދޫގެ ފަޅުން 25 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ސަރަޙައްދުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރަށް 240 މީޓަރުގެ ސަރަޙައްދުގައި ހުރަސް ތޮށިލުމަށް ވަނީ ހަވާލުކޮށްފައެވެ. މިމަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 186.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.