އިންޑިއާގައި ހުންނަ މަޝްހޫރު ކާރު އުފައްދާ ކުންފުނި، ފޯޑުގެ ކާރުޚާނާއެއް އިންޑިއާގެ އޮޓޮމޭޓިވް ކުންފުނި ޓާޓާއިން ގަނެފިއެވެ.
އިންޑިއާގެ ގުޖުރާތުގައި ހުންނަ ސަނަންދު ކާރުޚާނާ ޓާޓާއިން ގަތީ އެމީހުން އުފައްދާ އިލެކްޓްރިކް ވެހިކަލް އުފެއްދުން އިތުރުކުރުމަށެވެ.
އިއްޔެ އާންމުކޮށްފައިވާ ދެ ފަރާތުން ސޮއިކުރި އެމްއޯޔޫގައިވާގޮތުން ކާރުޚާނާ ގަތުމުން އެތަނުގައި ހުރި ހުރިހާ ހަރު މުދަލަކާއި ބިން އަދި ކާރުޚާނާގައި މަސައްކަތްކުރާ މުވައްޒަފުންވެސް ޓާޓާއަށް ލިބޭނެއެވެ.
އާ މެޝިނަރީއާއި އެނޫންވެސް އާލާތްތައް ކާރުޚާނާއަށް އިތުރުކުރުމުގެ މަސައްކަތް ކުރާނެކަމަށް ޓާޓާއިން ބުނެއެވެ. މި މަސައްކަތް ނިމުމުން އަހަރު ތިން ލައްކަ ޔުނިޓް އުފެއްދުމުގެ ޤާބިލުކަން ކާރުޚާނާއަށް ލިބޭނެކަމަށް ޓާޓާއިން ވަނީ ބުނެފައެވެ. އަދި މި އަދަދު ހަތަރު ލައްކައަށް ވުރެވެސް އިތުރުކުރެވިދާނެކަމަށް ޓާޓާއި ބުންޏެވެ.
ޓާޓާއި ސާނަންދު ކާރުޚާނާ ގަތްއިރު ކުންފުނީގެ އިންޑިއާ ވިޔަފާރި ބަންދުކުރަން ފޯޑުން މިދިޔަ އަހަރު ވަނީ ނިންމާފައެވެ. އިންޑިއާގެ ޕެސެންޖާ ވެހިކަލް މާކެޓްގައި ފޯޑު ހިއްސާ ވަނީ އެންމެ 2 އިންސައްތައެވެ. މިއާއިއެކު އިންޑިއާ ބާޒާރުން ފޯޑަށް ފައިދާއެއް ހޯދުން ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ވަނީ ވަރަށް ދަތިވެފައެވެ.