ޚަބަރު

އިންޑިއާ އާއި ބަހްރެއިނާއި ދެމެދު އެއްބަސްވުމެއް !


އިންޑިއާއިން ބަހްރެއިންއާއި ދެމެދު ދެ ޤައުމުގެ ޖަލުތަކުގައި ތިބި ގައިދީން ބަދަލުކުރުމުގެ އެގްރީމަންޓްއެއްގައި ސޮއިކޮށްފިއެވެ. މިއެގްރީމަންޓްގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖް މިހާރު ބަހްރެއިންނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ހާރިޖީ ވަޒީރު ޚާލިދް ބިން އަހުމަދު އަލް ޚަލީފާއާއި އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. އިންޑިއާގެ ހާރިޖީ ވަޒީރު ބަހްރެއިންއަށް ދަތުރު ކުރައްވަމުން މިގެންދަވަނީ އެޤައުމުގެ މަނާމާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ-އަރަބް ލީގް ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވުމަށެވެ.  އިންޑިއާގެ ފޮރިން މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި ބަހްރެއިންއާއި އިންޑިއާ އަކީ ޒަމާންވީ ގާތްގުޅުމެއް ހިއްސާކުރާ ދެޤައުމެވެ. އަދި މިސޮއިކުރެވުނު އެގްރީމަންޓުގެ ދަށުން ދެ ޤައުމުގެ ޖަލުތަކުގައި ތިބި ގައިދީން ބަދަލުކުރެވިގެން ދާނެއެވެ. މިދަތުރުގެ ތެރެއިން އިންޑިއާއާއި ބަހްރެއިންއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވޭނެކަމަށް އިންޑިއާގެ ހާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ އަރަބް ލީގް މިނިސްޓީރިއަލް ބައްދަލުވުމަކީ އިންޑިއާއިން ބައިވެރިވާ މިފަދަ ފުރުތަމަ ބައްދަލުވުމެވެ. މިބައްދަލުވުމުގެ ތެރެއިން އަރަބި ލީގު 22 ޤައުމާއި އެކު އިންޑިއާއިން ބާއްވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ.