ޚަބަރު

އެމެރިކާއިން ރާއްޖެއަށް 100620 ކޯވިޑް ވެކްސިން ޑޯޒް


އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިންގެ 100620 ޑޯޒް، ކޮވެކްސް މެދުވެރިކޮށް ހަދިޔާކޮށްފިއެވެ.

އެމެރިކާއިން، ޔޫ.އެސް އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮފްމަންޓް މެދުވެރިކޮށް، ދަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވް ކަމާއިއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތުވެސް ފޯރުކޮށް ދެމުންނެވެ.

ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ވިދާޅުވީ އެއިދާރާއިން ދަނީ މިހާރުވެސް އެމެރިކާ ސައިންޓިސްޓުންނާއި، އުފެއްދުންތެރިކަމުގެ ހުށިޔާރުކަމާއި، ލޮޖިސްޓިކްސް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގުމުގެ ތަޖުރިބާ ގުޅުވައި، ދުނިޔޭގެ ގިނަ ބަޔަކަށް ވެކްސިނޭޓްކުރުމަށް އެހީތެރިވަމުން ކަމުގައެވެ.

ކޯވިޑްގެ ޕެންޑަމިކް ފެށުނު ފަހުން ޔޫއެސްއޭ.އައިޑީގެ ފަރާތުން ވަނީ 7 މިލިއަން ޑޮލަރުގެ ކޯވިޑްގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން 60 ވެންޓިލޭޓަރު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި އެހީތެރިކަމުގެ ތެރެއިން
ފުރާނަ ސަލާމަތް ކުރަނިވި ފަރުވާދެވި، އިޖުތިމާއި ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކޮށް، ކޮވިޑާއި ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްޓަން ކުރުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު، އެމެރިކާއިން ވަނީ 1.2 ބިލިއަން ޑޯޒް ވެކްސިން ހަދިޔާ ކުރުމަށް ވައުދުވެފައެވެ. އެގޮތުން މިއަހަރުގެ އޭޕްރީމް މަހާއި ހަމައަށް 533 މިލިޔަނަށް ވުރެ ގިނަ ވެކްސިން ޑޯޒް 115 ޤައުމަށް ވަނީ ފޯރުކޮށް ދީފައެވެ.