ދުނިޔޭގެ ވިޔަފާރި

އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ފޯޑުން އިންވެސްޓްކޮށްފި


އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް އެމެރިކާގެ މަލްޓިނޭޝަނަލް އޮޓޯ ކުންފުނި ފޯޑުން 3.7 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފިއެވެ. މި އިންވެސްޓްމެންޓުގެ ދަށުން އިލެކްޓްރިކަލް ވެހިކަލްގެ އިތުރުން ޓްރަކާއި ވޭންވެސް އުފައްދާނެއެވެ.

މިޝިގަންގައި ހުންނަ ފޯޑުން އެ ސްޓޭޓްގައި 2 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެއެވެ. މީގެ ސަބަބުން 2000 އާ ވަޒީފާ އުފެދޭނެއެވެ. މީގެ އިތުރުން މި 2 ބިލިއަން އެމެރިކާ ޑޮލަރުން ލައިޓިންގް އިލެކްޓްރިކް ޕިކަޕާއި ފޯޑުގެ ޑާބަން ހެޑްކުއާޓަރުގައި ކާރުޚާނާއެއް ބިނާކޮށް އަހަރަކު 150000 ޓްރަކްވެސް އުފައްދާނެއެވެ.

ފޯޑަށް މިހާރުވެސް 200000 ޓްރަކް އުފެއްދުމަށް ޕްރީ އޯޑާލިބިފައެވެ. ފޯޑު ރޭންޖާގެ މެދު ސައިޒް ޕިކަޕާއި އާ ފޯޑު މަސްޓޭންގްވެސް މި އިންވެސްޓްމެންޓްގެ ދަށުން އުފައްދާނެއެވެ. މީގެއިތުރުން ކަސްޓަމާ ސާވިސް އަށާއި ޕެކޭޖިން ސެންޓަރުތަކަށް އިތުރު 35 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ. މި ޕެކޭޖިން ސެންޓަރުތަކުން އޮޓޯ ޕާޓްސް ތައް ސީދާ ކަސްޓަމަރަށް ފޯރުކޮށްދޭނެއެވެ.

ފޯޑުގެ އޮހިއޯ ކާރުޚާނާގައި އާ އިލެކްޓްރިކަލް ކޮމާޝިއަލް ވެހިކަލް އުފެއްދުމަށް 1.5 ބިލިއަން އެމެރިކާ ޑޮލަރު ފޯޑުން އިންވެސްޓްކުރާނެއެވެ. މި ވެހިކަލް ބާޒާރަށް ނެރޭނީ 2025 ގައެވެ. އޮހިއޯގައި އިންޖީނު ކާރުޚާނާއަކާއި ޓްރާންމިޝަން ކާރުޚާނާއެއް ބިނާކުރުމަށް އިތުރު 100 މިލިއަން އެމެރިކާ ޑޮލަރުވެސް ހޭދަކުރުމަށް ފޯޑުން ވަނީ ނިންމާފައެވެ.

މެޒޫރީގައި ހުންނަ ފޯޑުގެ ކާރުޚާނާގައި އިލެކްޓްރިކް އީ ޓްރާންސިޓް ވޭނާއި ގޭސް ޕަވާޑް ޓްރާންސިޓް ކޮމާޝަލް ވޭން އުފެއްދުމަށް 95 މިލިއަން އެމެރިކާ ޑޮލަރު ފޯޑުން އިންވެސްޓްކުރާނެއެވެ.

މި އިންވެސްޓްމެންޓްތަކުން ކުންފުނީގައި 6200 ވަޒީފާ އުފެދޭނެކަމަށް ފޯޑުން ބުނެއެވެ. އަދި ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ކާރުޚާނާތަކުގެ ވަޒީފާގެ މާހައުލު ރަގަޅުކުރުމަށް 1 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެކަމަށްވެސް ފޯޑުން ވަނީ ބުނެފައެވެ.
ބެޓެރީ އުފައްދާ ކާރުޚާނާއެއް ބިނާކުރުމަށް 11.4 ބިލިއަން އެމެރިކާ ޑޮލަރު މިދިޔަ ސެޕްޓެމްބަރުގައިވެސް ފޯޑުން ވަނީ އިންވެސްޓްކޮށްފައެވެ