ދުނިޔޭގެ ވިޔަފާރި

ތިން ލައްކައެއްހާ ޓަނުގެ ޕާމް އޮއިލް އެކްސްޕޯޓު ކުރަން އިންޑޮނޭޝިއާއިން ހުއްދަ ދީފި


ގާތްގަޑަކަށް 302000 ޓަނުގެ ޕާމް އޮއިލް އެކްސްޕޯޓުކުރަން އިންޑޮނޭޝިއާއިން ހުއްދަ ދީފިއެވެ.

ޕާމް އޮއިލް އެކްސްޕޯޓުކުރުން މިދިޔަ އޭޕްރީލް މަހު މަނާކޮށްފައި އޮތުމަށްފަހު އިންޑޮނޭޝިއާއިން މިހާރު ވަނީ ޕާމް އޮއިލް އެކްސްޕޯޓުކުރަން ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަށްވުރެ އިތުރަށްވެސް ޕާމް އޮއިލް އެކްސްޕޯޓުކުރަމުންދާނެ ކަމަށް އިންޑޮނޭޝިއާގެ ސަރުކާރުން ބުނެއެވެ. އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލަން ނިންމީ އެ ޤައުމުގައި ތެޔޮ ވިއްކާ އަގު ކޮންޓްރޯލްކުރުމަށްޓަކައެވެ.

ޕާމް އޮއިލް އެކްސްޕޯޓްކުރަން އިންޑޮނޭޝިއާ އިން ހުއްދަ ދިނީ މިދިޔަ މެއި މަހުގެ ފަހުކޮޅުއެވެ. ނަމަވެސް އެތެރޭގެ ސަޕްލައިގެ ސަލާމަތަށްޓަކައި ޕާމް އޮއިލް އެކްސްޕޯޓު ކުރާ އެންމެންވެސް ފުރަތަމަ ޖެހޭނީ އެކްސްޕޯޓުގެ ކޮންމެވެސް މިންވަރެއް އިންޑޮނޭޝިއާގައި ވިއްކާށެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޕާމް އޮއިލްގެ އަގު ވަނީ އުފުލިފައެވެ. އެކްސްޕޯޓު ކުރުން މަދުކުރުމުގެ ސަބަބުން ޕާމް ފުރުޓް ގަންނަ މީހުން ވަނީ މަދުވެފައެވެ. މިއާއެކު ޕާމް ފުރުޓްގެ އަގު ވަނީ ތިރިވެފައެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ޕާމް އޮއިލް އުފައްދާ އަދި އެންމެ ގިނަ ޢަދަދަކަށް ޕާމް އޮއިލް އެކްސްޕޯޓުކުރާ ޤައުމެވެ. އެ ޤައުމުން 2.5 މިލިއަން ޓަނުގެ ޕާމް އޮއިލް މަހެއްގެ މައްޗަށް އެކްސްޕޯޓުކުރެއެވެ. އެއީ 3 ބިލިއަން އެމެރިކާ ޑޮލަރުގެ ޕާމް އޮއިލް އެވެ.