އަންނަ ޖުލައި މަހު ފެށޭ ފިޒިކަލް އަހަރު ޕާކިސްތާނުގެ ޖީޑީޕީ %5 ދަށަށްދާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.
މިދިޔަ އަހަރު ޕާކިސްތާނުގެ ޖީޑީޕީ ހުރީ %5.9 ގައެވެ.
ފިޒިކަލް އަހަރުގެ ޖީޑީޕީ ދަށަށްދާނެ ކަމަށް އެ ޤައުމުން ލަފާކޮށްފައިވަނީ މިހާރު ކުރިމަތިވެފައިވާ ބަޖެޓުގެ ތާށިކަމާއިހެދިއެވެ. ޖީޑީޕީ ދަށަށް ދާނެ ކަމަށް މިހާރު ލަފާކުރި ނަމަވެސް ޕާކިސްތާނުގެ އަހަރީ ބަޖެޓް ހުށަހަޅާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ދަތިކަމުގެ ސަބަބުން މިއަހަރާއި އަންނަ އަހަރުވެސް އެޤައުމުގެ ޖީޑީޕީ ދަށްވާނެކަމަށް ޕާކިސްތާނުން ވަނީ ލަފާކޮށްފައެވެ. އާމްދަނީ އިތުރުކޮށް ޚަރަދުކުރާ މިންވަރު ކުޑަކޮށް ޤައުމުގެ ދަރަނި ކުޑަކުރެވޭތޯވެސް ޕާކިސްތާނުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ މިހާރު ވަނީ 9.7 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއާއިއެކު ޕާކިސްތާނުގެ ފައިސާ ކަމަށްވާ ރުޕީގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި އާންމުންގެ އަތްމަތިވަނީ ދަތިވެފައެވެ.
ޕާކިސްތާނުން މިހާރު މަޑުކޮށްގެން ތިބީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި އެ ޤައުމާއި ދެމެދެ 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 6 ބިލިއަން އެމެރިކާ ޑޮލަރުގެ ރެސްކިޔު ޕެކޭޖުގެ އެހީ ލިބޭނެވަގުތަކަށެވެ. މި ޕެކޭޖާއި ބެހޭ މަޝްވަރާތައް ދެ ފަރާތުން ވަނީ މިދިޔަ މަހު ގަތަރުގެ ވެރި ރަށް ދޯހާގައި ކޮށްފައެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކޯވިޑް-19 ގެ ސަބަބުން އެ ގައުމުގެ އިޤްތިސާދަށް ކުރިމަތިވި ހީނަރުކަމާއެވެ.