ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ހަމީދު މަޤާމުން ވަކިކޮށްފި


ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކޮށްފިއެވެ.

ފަނޑިޔާރު ހަމީދު މަޤާމުން ވަކިކޮށްފައިވަނީ މިއަދު މިމައްސަލާގައި މަޖިލީހަށް ހުށަހެޅުނު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ނެގި ވޯޓުގައެވެ. ހަމީދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް 58 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އޭނާ މަޤާމުން ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ. ހަމީދު މަޤާމުން ވަކި ކުުރުމަށް ވޯޓަށް އެހިއިރު، އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރު ޢަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްވެސް މަޤާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް ފަނޑިޔާރު ރައޫފް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. ފަނޑިޔާރު ޙަމީދުއާމެދު ޖޭއެސްސީން ބަލާފައިވާ ސުލޫކީ މައްސަލަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް މާލެއިން ފްލެޓް ހޯދާފައިވާކަމަށް ބުނާ މައްސަލައެކެވެ.

ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއްކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފައެވެ.