ޚަބަރު

ކައުންސިލްތަކަށް 127 އެސްޖީން އައްޔަންކޮށްފި


ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ލޯކަލް ކައުންސިލްތަކަށް އައްޔަންކުރާ ސެކެރެޓަރީ ޖެނަރަލުންގެ ތެރެއިން މިހާތަނަށް 127 ކައުންސިލަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރެވިފައިވާކަމަށް ސިވިލްސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ އެސްޖީގެ މަޤާމަށް މީހުން ހޯދުމަށްޓަކައި ސިވިލްސާވިސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކޮމިޝަނުން އެންމެ ފުރަތަމަ އެސްޖީންގެ މަޤާމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު އެކޮމިޝަނުން ހުޅުވާލީ 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށެވެ.

ކޮމިޝަނުން މިވީ އަހަރެއްހާ ދުވަހުގެ ތެެރޭގައި ކުރި މަސައްކަތުން އައްޔަން ކުރެވިފައިވަނީ 127 ސެކެޓްރީ ޖެނެރަލުންނެވެ. އައްޔަން ކުރި އެސްޖީންގެ ތެރެއިން 4 އެސްޖީއަކު ވަނީ އިސްތިއުފާ ދީފައެވެ. ބާކީ ހުރި ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރުމުގެ މަސައްކަތް ސިވިލްސާވިސް ކޮމިޝަނުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ކޮމިޝަންގެ ނައިބް ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ، މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި ސެކެރެޓަރީ ޖެނެރަލުން ޢައްޔަން ކުރުމަށްކުރި މަސައްކަތުން ހުރި މައްސަލަތައް ދެނެގަނެވިފައިވާކަމަށެވެ. އެގޮތުން އެންމެބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ މުސާރައިގެ މައްސަލައެވެ. ސެކެޓްރީ ޖެނެރަލުންގެ ތެރެއިން ވ.އަތޮޅު ކައުންސިލް ފިޔަވައި، ދެންހުރި ހުރިހާ އަތޮޅު ކައުންސިލަށް ވަޏީ އެސްޖީން އައްޔަން ކުރެވިފައެވެ. ރަށު ކައުންސިލްތަކަށް އެސްޖީން ލިބުމުގައި މުސާރައިގެ މައްސަލައަކީ ފާހަގަކުރެވިފައިވާ މައްސަލައެއްގެ ގޮތުގައި ކޮމިޝަނަށް ވަނީ ފާހަގަވެފައެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ، މުސަރައިގެ އިތުރުން މިމަޤާމުގެ ދައުރަކީ 5 އަހަރުގެ ދައުރަކަށް ވުމާއި، ދާއިމީ ވަޒީފާއަކަށް ނުވުމާއި، ސިޔާސީ ވާދަވެރިކަމާ ހުރެ ޝައުގުވެރިކަން ނެތުމަކީވެސް ފާހަކުރެވުނު މައްސަލަތަކެއްކަމަށެވެ. ބައެއް ކައުންސިލްތަކަށް އެސްޖީން ނުލިބިގެން މިހާރުވަނީ މަޤާމަށް ކުރިމަތިލާ ޝަރުތުތައްވެސް ކުޑަކޮށްފައެވެ. މިމަޤާމުގެ ޝަރުތުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައި ވީނަމަވެސް މިހާރު، މިޝަރުތު ޑިޕްލޮމާގެ ފެންވަރު މީހުންނަށްވެސް ކުރިމަތިލެވޭގޮތަށް ބަދަލުކޮށްފައިވާކަމަށެވެ.

ރަށު ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލްގެ މުސާރައިގެ ގޮތުގައި މަހަކު 9،300 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ 12،130 ރުފިޔާއެވެ. މީގެއިތުރުން އަތޮޅު ކައުންސިލްގެ އެސްޖީއަކަށްވެސް އެގްޒެކްޓިވް އެލަވަންސުގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ.

ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލަކަށް މަހެއްގެ މައްޗަށް 35،500 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 20،500 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 15،000 ރުފިޔާއެވެ.

ކައުންސިލްތަކުގެ އެސްޖީއަށް ކުރިމަތިލީ މީހުން ހޮވުމުގައި އިންޓަވިއުކުރުމަށްފަހު 60 އިންސައްތައަށް ވުރެން މަތިން މާކްސް ލިބޭ މީހުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ ޤާބިލު މީހަކު ކަނޑައަޅާނެއެވެ. އަދި އެމީހަކާއި ގުޅޭ ގޮތުން އެ ކައުންސިލެއްގެ ލަފާ ހޯދާ އެ މީހަކު މަޤާމަށް އައްޔަންކުރާނީ ކައުންސިލްގެ ލަފަޔާއެކުއެވެ. މި މަޤާމަށް އައްޔަންކުރާ މީހެއްގެ މަޤާމުގެ މުއްދަތަކީ 5 އަހަރެވެ.