ކުޅިވަރު

އޮސްޓްރިއާ ބަލިކޮށް ޑެންމާކް ގްރޫޕުގެ އެއްވަނައަށް


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް އެކެއްގައި އޮސްޓްރިއާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ޑެންމާކް ޖެހިލައިފިއެވެ.

ޑެންމާކްގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހާދިނީ ޑެންމާކްގެ މެދުތެރެއަށް ކުޅޭ ޕިއޭ އެމީލް ހޮއިބަރގްއެވެ. މިމެޗްގެ ނަތީޖާ އޮސްޓްރިއާއިން ހަމަހަމަ ކުރި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ޒޭވަރ ޝްލާގަރއެވެ. މިމެޗުން ޑެންމާކް މޮޅުވި ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ޔެންސް ސްޓައިގަރ ލާސަންއެވެ.

މިމެޗުން އޮސްޓްރިއާ ބަލިވި ނަމަވެސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއްވެސް ހޯދާފައެވެ. އަދި ދެތިން ހަމަލާ ވަނީ ޑެންމާކްގެ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެގެން ގޮސްފައެވެ.

މިކާމިޔާބީއާއެކު ގްރޫޕް އޭ ވަންގެ ތާވަލްގެ އެއްވަނައަށް ޑެންމާކް ވަނީ ކުޅުނު ދެމެޗުން މޮޅުވެ އަރާފައެވެ. ދެވަނައިގާ 3 ޕޮއިންޓާއެކު އުޅެނީ އޮސްޓްރިއާއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ފަރަންސޭސިވިލާތް އުޅެނީ ތާވަލްގެ ތިންވަނައިގައެވެ.