ޚަބަރު

އެމްއެމްސީގެ ރައީސްގެ މަޤާމުން ޝަހުބާން އިސްތިއުފާ ދެއްވައިފި


މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމުގެ މަގާމުން ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވައިފިއެވެ.

ޝަހުބާން މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާއަށް ކުރެވޭ ތުހުމަތު ތަކާއިއެކު، ދެ ފަހަރެއްގެ މަތީން މަޤާމުން ވަކި ކުރުމަށް ނެގުނު ވޯޓުގައިވެސް ޝަހުބާން ވަކިކުރެވޭ މިންވަރަށް ވޯޓު ލިބިފައި ނުވަނިކޮށެވެ. ޝަހުބާން މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުނު ބަޔާނުގައި ވިދާޅުވީ އިސްތިއުފާ ދެއްވި ނަމަވެސް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހުބާން އަށް ކުރާ ތުހުމަތަކީ ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ޝަހުބާނު ހިމެނޭތީ ކުރާ ތުހުމަތުތަކަށެވެ. އޭނާ ވަނީ މިތުހުމަތުތަކަށް މީގެ ކުރިންވެސް އިންކާރު ކުރައްވާފައެވެ.

ޝަހުބާން މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ ކައުންސިލްގެ 9 މެމްބަރަކު ސޮއިކޮށް ވަނީ ޤަރާރެއްވެސް ނެރެފައެވެ. އެޤަރާރުގައި ބުނެފައި ވަނީ ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކަކީ ރާއްޖޭގެ ބޮޑެތި މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

އެހެންކަމުން ދިވެހި މީޑިއާގެ އަހުލާގީ ހަމަަތައް ކަނޑައަޅައި މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅަކަށް އެ ފަދަ ތުހުމަތުތަކެއް ކުރެވުމުން މުއައްސަސާގެ އަގު ހިފެހެއްޓުމަށްވެސް ޝަހުބާން އިސްތިއުފާ ދެއްވަން ޖެހޭކަމަށް ކައުންސިލްގެ އަޣުލަބިއްޔަތުން ގަބޫލުކުރާކަމަށް ގަރާރުގައިވެއެވެ.

އިސްތިއުފާ ދެއްވުމަށްފަހު ޝަހުބާން ވިދާޅުވީ ރައީސް ކަމުގައި އިތުރަށް ހުރުމަކީ، މީޑިއާ ކައުންސިލްގެ މަސައްކަތް ހުއްޓި، މަސައްކަތް ނުކުރެވޭ ތަނަކަށް ވާން ބޭނުން ނުވާކަމަށެވެ. ޝަހުބާން އަށް މިތުހުމަތުތައް ކުރެވުމާއިއެކު ބާއްވާ ބައްދަލުވުން ތައްވެސް ގިނަ މެމްބަރުން ވަނީ ބޮއިކޮޓްކޮށްފައެވެ. މިސަބަބުތަ ކާއިހެދި ކުރިއަށް މީޑިއާ ކައުންސިލް އެވޯޑުވެސް އޮތުމާއިއެކު އެންމެ ރަނގަޅު ގޮތަކީ މަޤާމުން އިސްތިއުފަ ދިނުންކަމަށް ޝަހުބާން ވިދާޅުވިއެވެ.