ދުނިޔެ

ޗައިނާއިން 5 ބިލިޔަން ޑޮލަރު ހޯދަން ލަންކާއިން މަސައްކަތް ފަށައިފި


ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި، ފަސް ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ. އެ ޤައުމުން މިހާރު ވަނީ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން އެ ފައިސާ ހޯދުމަށް ޗައިނާއާ އެކު މަޝްވަރާ ފަށާފައެވެ. ސްރީލަންކާގެ ސަރުކާރުން އެ ފައިސާ ޚަރަދު ކުރުމަށް ނިންމާފައި ވަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މުދާ ގަތުމަށެވެ.

ފާއިތުވި ހަތް ޤަރުނުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާއާ ގުޅިގެން އެ ޤައުމުން މިހާރު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ތަކެތީގެ ތެރޭގައި ތެލާއި، ކާބޯތަކެއްޗާއި، ކައްކާ ގޭހާއި، ގަސްކާނާ ހިމެނެއެވެ. މި ގޮތުން، ތެޔޮ ގަތުމަށް 3.3 ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށާއި، ކާބޯތަކެތި ގަތުމަށް 900 މިލިޔަން ޑޮލަރާއި، ކައްކާ ގޭހަށް 250 މިލިޔަން ޑޮލަރު އަދި ގަސްކާނާގެ ބާވަތްތައް ގަތުމަށް އިތުރު 600 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ސްރީލަންކާގެ އިޤްތިޞާދު 3.5 އިންސައްތަ ދަށަށް ދާނެ ކަމުގައެވެ. ނަމަވެސް، ރަނގަޅު އެހީގެ ޕެކޭޖަކާ، ދަރަނި މެނޭޖްކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާ އެކު އެ ޤައުމުގެ އިޤްތިޞާދު އަލުން ރަނގަޅު މިސްރާބަކަށް ބަދަލުކޮށްލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.

ސްރީލަންކާއިން މިހާރު ވެސް ދަނީ 3 ބިލިޔަން ޑޮލަރުގެ ލޯން ޕެކޭޖެއް ހޯދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ވެސް، ޗައިނާއާއި އިންޑިއާ އަދި ޖަޕާނުން ވަނީ އެ ޤައުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

އދ.އިން ވަނީ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔެއަށް ގޮވައިލާފައެވެ. އަދި، އެ ޤައުމަށް ކަބޯތަކެއްޗާއި ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް 48 މިލިޔަން ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ހުށަހަޅާފައެވެ.