ދުނިޔެ

2 އަހަރުގެ ބަންދަކަށް ފަހު ޖަޕާން ފަތުރުވެރިންނަށް ހުޅުވައިލަނީ


ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިންނަށް ޖަޕާނުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، ބޯޑަރުތައް އަލުން ހުޅުވާލައި، ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ޖަޕާނުން ތައްޔާރުވާން ފަށައިފިއެވެ.

ދެ އަހަރުގެ ބަންދަކަށް ފަހު ޖަޕާނުގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވައިލާނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މި ގޮތުން، އެ ޤައުމަށް އެތެރެވުމަށް ފުރަތަމަ ފުރުޞަތު ލިބޭނީ "ޓުއަރ ޕެކޭޖް" ތަކުގެ ދަށުން ދަތުރުކުރާ ފަތުރުވެރިންނަށެވެ. ފުރަތަމަ ފޭސްގެ ދަށުން ބޯޑަރު ހުޅުވައިލާން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

ފަތުރުވެރިންނަށް ޤައުމު އަލުން ހުޅުވައިލަނީ ގިނަ ފިޔަވަޅުތަކަކާ އެކުގައި ކަމަށް ޖަޕާން ޓޫރިޒަމް އޭޖެންސީ (ޖޭ.ޓީ.އޭ) އިން ބުންޏެވެ. މި ގޮތުން، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހަދާފައިވާއިރު، އެ ޤައުމަށް ދަތުރު ކުރެވޭނީ މެޑިކަލް އިންޝިއުރެންސް ހައްދައިގެންނެވެ. އަދި، ހުރިހާ ފަތުރުވެރިން ވެސް އެ ޤައުމަށް އެތެރެވުމަށް ފަހު އުޅެން ޖެހެނީ ޓުއަރ ގައިޑެއްގެ ބެލުމުގެ ދަށުންނެވެ.

މި ފިޔަވަޅުތަކަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލުވެދާނެ ފިޔަވަޅުތަކެއް ނޫން ކަމުގައި ބައެއް ޓުއަރ އޮޕަރޭޓަރުން ބުނެއެވެ. އަދި، ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް ވެސް އެ ފަރާތްތަކުން އަންދާޒާ ކުރެއެވެ. 2019 ވަނަ އަހަރު ޖަޕާނަށް 31.9 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، 36 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.