އެކްސްޕޯޓުކުރާ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެ އޭޕްރީލް މަހު އެމެރިކާގެ ދަރަނި ކުޑަވެއްޖެއެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ބުނިގޮތުގައި އެ ޤައުމުގެ ދަރަނި ވަނީ %19.1 އަށް ކުޑަވެފައެވެ. އަދި މިއީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު މި އަދަދު މިހާ ކުޑަވި ފުރަތަމަ ފަހަރެވެ. އެކްސްޕޯޓުކުރި މިންވަރު ވަނީ %3.5 އަށް އިތުރުވެފައެވެ.
ދަރަނި ކުޑަވުމުގެ ސަބަބުން ދެވަނަ ކުއާޓަރުގެ ޖީޑީޕީ އިތުރުވާނެކަމަށް އިޤްޠިޞާދީ މާހިރުން ލަފާކުރެއެވެ. މީގެ އިތުރުން އެމެރިކާގެ އިޤްޠިޞާދީ ދުވެލި ދެވަނަ ކުއާޓަރުގައި %4.8 ށް ކުރިއަރާނެކަމަށްވެސް މާހިރުން ލަފާކުރެއެވެ.
އިންޑަސްޓްރިއަލް ސަޕްލައި އާއި އެނޫންވެސް ސާމާނުގެ ޝިޕްމެންޓުތަކުގެ ސަބަބުން އެމެރިކާގައި އެކްސްޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ޕެޓްރޯލެވެ. އެއީ 27.2 ބިލިއަން އެމެރިކާ ޑޮލަރުގެ އުފެއްދުމެވެ. ކާބޯތަކެތި އެކްސްޕޯޓުކޮށްފައިވާ މިންވަރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ. އެއީ 2.1 ބިލިއަން އެމެރިކާ ޑޮލަރުގެ އުފެއްދުމެވެ.
އެކްސްޕޯޓުކުރާ މިންވަރު އެމެރިކާގައި އިތުރުވެފައީވީނަމަވެސް އިމްޕޯޓުކޮށްފައިވާ ތަކެއްޗާއި ޚިދުމަތްތައްވަނީ %3.4 އަށް ދަށްވެފައެވެ. އިމްޕޯޓުކުރާ މިންވަރު މީގެކުރިން އިތުރުވެފައިވީ ނަމަވެސް އިންފްލޭޝަން ރޭޓު ކޮންޓްރޯލުކުރުމަށް އެމެރިކާގެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު އިތުރުކުރުމާއި ގުޅިގެން އިމްޕޯޓުކުރާ މިންވަރު ވަނީ ދަށްވެފައެވެ. މީގެއިތުރުން ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީވެސް އިމްޕޯޓުކުރާ މިންވަރު ދަށްވި ސަބަބެކެވެ.