ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައިކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށެވެ.

މިބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު، ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ބެލެއެވެ.