ޚަބަރު

ލޯނު ނަގައިގެން އިތުރު މަޝްރޫޢެއް ހިންގުމުގެ ވިސްނުމެއް ނެތް - ރައީސް


ލޯނު ނަގައިގެން އިތުރު މަޝްރޫޢެއް ހިންގުމުގެ ވިސްނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތައް ރާއްޖެއަށްވެސް ކުރާނެކަމަށާ އެއީ ޤަބޫލު ކުރަންޖެހޭނެ ހަގީގަތެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފަށްޓަވާނެ ކަމަށާ ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ ޢާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލަަން ޖެހޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރުވެސް ކުރިއަށްދާ މަޝްރޫޢުތައް ކުރިއަށްގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫޢާއި ގުޅިފަޅު ޕޯޓްގެ މަޝްރޫއު ފަދަ މަޝްރޫއުތަކަކީ ލޯނު ހަމަޖެހިފައިވާ މަޝްރޫއުތަކަށްވާތީ އެމަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާނެ ކަމަށެވެ.

" އިތުރަށް މި ބޭނުންވަނީ ދެ ބިލިއަން ރުފިޔާ ހޯދަން. އެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. ސުވާލަކީ އެ ނުލިބިއްޖެއްޔާ ދެން ހަދާނީ ކިހިނެތްތޯ. އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ ބައެއް މަޝްރޫއުތައް ހުއްޓާލުން. ޚަރަދުތައް ކުޑަކުރުން، ކޮށްފައި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުން" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސްވިދާޅުވީ ދައުލަތުގެ އިގްތިސާދީ މިސްރާބު ހުރީ ރަނގަޅަށް ކަމަށާ ދަރަނި ނުދެއްކި ދައުލަތް ބަނގުރޫޓް ނުވާނެ ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

އަހަރުން އަހަރަށް ދަރަނި އިތުރުވެފައި ވާގޮތާގުޅޭ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ 2013އިން 2018އަށް އަހަރުންއަހަރަށް ދަރަނި ބޮޑުވެފައި ހުރީ %16.72ގައި ކަމަށެވެ. އަދި 2018އިން 2022އަށް މި ދޭތެރޭއިން ބޮޑުވެފައި ހުރީ. %12.19ގައި ކަަމަށާ، ނިސްބަތުން ދަރަނި ބޮޑުވާ ވަރު ދަށްކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ކުދި ބޮޑު ހުރިހާ ރަށެއްގައި ތަރައްޤީގެ އެތަކެއް މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހުރިހާ ރަށެއްގައި ފެނާއި ނަރުދާމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތަކާއި ބަނަދަރު ހެދުމާއ،ި އެއަރޕޯޓްތައް ހެދުމާއި މަގު ހެދުމުގެ އެތަކެއް މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ.