ތަރައްްޤީ

ބްރިޖު މަޝްރޫޢަކީ އިޤްތިޞާދީ ބުރައެއްނޫން، ހުއްޓައެއްނުލާނަން: ރައީސް


ތިލަމާލޭ ބްރިޖު މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ބުރައެއް ސަރުކާރުން މިވަގުތު އުފުލަން ނުޖެހޭނެކަމަށާ، މި މަޝްރޫޢު ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ތިލަމާލޭ ބްރިޖު މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ތިލަމާލޭ ބްރިޖް މަޝްރޫޢު ކުރިއަށްދަނީ ކުރިން ނަގާފައިވާ ލޯނުތަކާ ޚިލާފަށް ވަރަށްދިގު މުއްދަތަކަށް ކުޑަ އިންޓްރަސްޓް ރޭޓެއްގައި ދައްކާގޮތަށް ނަގާފައިވާ ލޯނެއްގައިކަމަށެވެ. އަދި މިލޯނު އަނބުރާ ދައްކަން ފަށަންވެސް ޖެހެނީ 5 އަހަރު ފަހުންކަމަށެވެ. އެހެންކަމުން މިވަގުތުތަކު މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީގޮތުން އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ބްރިޖް މަޝްރޫޢަކީ މިވަގުތަށް ބޭނުންތެރި ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި މިވަގުތު ކުރަންޖެހޭ މަސައްކަތެއް ބްރިޖް މަޝްރޫޢުއަކީ. އޭގެ ސަބަބުން ލިބޭ ވަރަށް ގިނަ ފައިދާތައް އެބަހުރި. ބްރިޖާއެކީގައި ހަމައެކަނި މި އަންނަނީ ބްރިޖެއްނޫން. ގުޅީފަޅު ޕޯޓު އެބަ ޑިވެލޮޕްކުރެވޭ. އެތަނަށް މާލޭގެ ޕޯޓު އެބަ ބަދަލުކުރެވޭ. އޭގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އެބަ ދައްކުރެވޭ. ހޭންޑްލިންގ ޗާޖު އެބަ ދައްކުރެވޭ. އޭގެ މާނައަކީ ތަކެތީގެ އަގަށް އަންނާނެއޭ ހެޔޮ ބަދަލު. މާލެއަށް ލުއިލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ތިލަމާލޭ ބްރިޖް މަޝްރޫޢު އަގުބޮޑުކަމަށް ބުނެދެކެވޭ ވާހަކަތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިނޫސްވެރިންގެ ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރައީސް ވަނީ ސިނަމާލެ ބްރިޖާއި ތިލަމާލެ ބްރިޖް މަޝްރޫޢުގެ އަގުތައް އަޅާކިޔާފައެވެ. 1.3 ކިލޯމީޓަރުގެ ސިނަމާލޭ ބްރިޖް މަޝްރޫއަށް 193 މިލިއަން ޑޮލަރު ކުރީ ސަރުކާރުން ހޭދަކޮށްފައިވާއިރު، 7.5 ކިލޯމީޓަރު ދިގު ތިލަމާލޭ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ސިނަމާލޭ ބްރިޖުގައި އަކަމީޓަރަކަށް 6325 ޑޮލަރު ޖެހޭއިރު، ތިލަމާލޭ ބްރިޖުގައި އަކަމީޓަރަކަށް ޖެހެނީ 3832 ޑޮލަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސިނަމާލެ ބްރިޖް އަޅާފައިވަނީ %65 އަގުބޮޑުކޮށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަގުގެގޮތުން ބަލާއިރު ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި. ތިލަމާލޭ ބްރިޖުއެޅި އަގުގައި ސިނަމާލޭ ބްރިޖް އެޅިނަމަ 116 މިލިއަން ޑޮލަރުން އެޅޭނެ. އަޅުގަނޑުމެންނަށް އެ ބްރިޖް އަޅަން ލިބުނުނަމަ 116 މިލިއަން ޑޮލަރަށް ހުޅުމާލޭ ބްރިޖް އެޅޭނެ. އެހެންވީމަ ބޮޑުއަގުގައި ކޮށްފައި އިންވެސްޓްމަންޓެއް އެއީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބްރިޖް މަޝްރޫޢު އަވަސްކުރުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން އިތުރު 26 މިލިއަން ޑޮލަރު ބޭނުންވާކަމަށް ބުނެފައިވީނަމަވެސް، އެކަމަށް ސަރުކާރުން އެއްބަސްވެފައިނުވާކަމަށެވެ. އެހެންނަމަވެސް މި މަޝްރޫޢުގައި ހިމެނޭ މާލެއާއި ވިލިމާލެއާއި ދެމެދު އަޅާ ބްރިޖުގެ މަސައްކަތް އަންނަ އަހަރަށް ނިންމުމަށްޓަކާ، މަސައްކަތް އަވަސްކުރުމާގުޅޭގޮތުން ސަރުކާރުން ކޮންޓްރެކްޓަރާއި މަޝްވަރާކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކަށް ބަލާ، ސަރުކާރުގެ ޚަރަދުތައް މެނޭޖްކޮށް، ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ. އެގޮތުން އިތުރު ލޯނެއް ނަގައިގެން އައު މަޝްރޫޢުތަކެއް ހިންގުމުގެ ވިސްނުމެއްނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިވަގުތު ކުރިއަށްދާ މަޝްރޫޢުތަކަކީ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަކެއްކަމުން، އެ މަޝްރޫޢުތައް ކުރިއަށްދާނެކަމަށްކަމަށެވެ.