ދުނިޔޭގެ ވިޔަފާރި

ސަޢޫދީ ޢަރަބިއްޔާގެ އިޤްތިޞާދީ ދުވެލި ހަލުއިވެއްޖެ


ތެޔޮ އުފައްދާ މިންވަރު އިތުރުވެ ސަޢޫދީ ޢަރަބިއްޔާގެ އިޤްޠިޞާދީ ދުވެލި ހަލުއިވެއްޖެއެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަޢޫދީގެ ޖީޑީޕީ ވަނީ %9.9 އަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެސް އެންމެ އަވަހަށް ޖީޑީޕީ ކުރިއަރައިގެން ދިޔަ ފަހަރެވެ. މިދިޔަ މަހު މިއަދަދު ހުރީ %9.6 ގައިކަމަށް ސަޢޫދީގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.

ސަޢޫދީގެ ތަފާސްހިސާބުތަކާއި ބެހޭ އޮފީހުން ބުނިގޮތުގައި އިޤްޠިޞާދީ ދުވެލި މިވަރަށް ހަލުއިވެގެންދިޔައީ އެޤައުމުގައި ތެޔޮ އުފައްދާ މިންވަރު %20.3އަށް އިތުރުވުމާ ގުޅިގެންނެވެ. ތެޔޮ ފިޔަވައި އެނޫން ތަކެތި އުފައްދާ މިންވަރު ވަނީ %3.7އަށް އިތުރުވެފައެވެ. މިދިޔަ ކުއާޓަރުގައި މިއަދަދު ހުރީ %0.9 ގައެވެ.

ސަޢޫދީގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހޯލްސޭލާއި ރީޓޭއިލް ވިޔަފާރި އަދި ހޮޓެލް ވިޔަފާރި ވަނީ %6.3 އަށް އިތުރުވެފައެވެ. މީގެއިތުރުން އެކްސްޕޯޓުކުރާ މިންވަރު ވަނީ 22.1 އިންސައްތައަށް އިތުރުވެފައެވެ. އިޤްޠިޞާދީ ހުރިހާ ހަރަކާތްތަކެއްގެ ސަބަބުން ސަޢޫދީގެ އިޤްޠިޞާދީ ދުވެލި ހަލުއިވެފައިވާ ކަމަށް ތަފާސް ހިސާބުތަކާއި ބެހޭ އޮފީހުން ބުނެއެވެ.

އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް) އާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް މިދިޔަ ހަފްތާ އެއްބަސްވެފައެވެ. މިގޮތަށް އެއްބަސްވީ ރަޝިއާ އިންއުފައްދާ ތެޔޮ އެތެރެކުރުން ޔޫރަޕް (އީޔޫ) އިއްތިޙާދުން މަނާކުރުމާއި ގުޅިގެންނެވެ.

ތެޔޮ އުފައްދާ މިންވަރު އިތުރުވުމުގެ ސަބަބުން ސަޢޫދީގެ މިއަހަރުގެ އިޤްޠިޞާދީ ދުވެލި 7.6 އިންސައްތައަށް ކުރިއަރާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) މިދިޔަ އޭޕްރީލްމަހު ވަނީ ލަފާކޮށްފައެވެ.