ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔެ ކާބޯތަކެއްޗަށް ޖެހިދާނެ ކަމަށް ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާއިން ބުނެފިއެވެ. އަދި މި ދަތިކަން އެތައް އަހަރަކަށް ދިގުދެމިގެން ހިނގައިދާނެކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
މިކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނީ އެފްރިކާގެ ޤައުމުތަކަށް ކަމަށް ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް އެންގޯޒީ އޮކާންޒޯ އިވޭލާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ ބަނދަރުތަކުން މުދާ އެކްސްޕޯޓުކުރަން ދަތިވެ އެތައް ޓަނެއްގެ ގޮވާމުގެ ބާވަތްތައް އެ ޤައުމުގެ ގުދަންތަކުގައި ތާށިވެފައި އެބަހުރިކަމަށް އިވޭލާ ވަނީ ވިދާޅުވެފައެވެ. އަދި ގޮވާމުގެ ބާވަތްތަކުގެ އަގު އުފުލިގެންދާ މިދަނޑިވަޅުގައި މިއީ ވަރަށް ދެރަ ކަމެއްކަމަށްވެސް އިވޭލާ ވިދާޅުވިއެވެ.
ޔުކްރޭނަކީ ދުނިޔޭގައި އެންމެ ގިނައިން ގޮދަންފުށް އެކްސްޕޯޓުކުރާ ޤައުމެވެ. ދުނިޔޭގައި ގޮދަންފުށް އުފައްދާ މިންވަރުގެ %9 ހިޢްސާކުރަނީ ޔުކްރެއިނުންނެވެ. ގޮދަންފުށުގެ އިތުރުން ސަންފްލާވާ ތެލުގެ %42 އާއި ޒުވާރި އުފައްދާ މިންވަރުގެ %16 ވެސް ޙިއްސާކުރަނީ ޔުކްރޭނުންނެވެ.
ޔޫރަޕާއި އޭޝިއާ އާއި ދެމެދު އޮންނަ ބްލެކް ސީ ބަނދަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި އެސަރަޙައްދުގައި ހުރި ރަޝިއާ އާއި ޔުކްރޭނުގެ މައިންތަކުގެ ސަބަބުން 20 މިލިއަން ޓަނާއި އާއި 25 މިލިއަން ޓަނާއި ދެމެދުގެ ޢަދަދެއްގެ ގޮދަންފުށް ހުރީ ޔުކްރެއިންގައި ތާށިވެފައެވެ. އަނެއްކޮޅުން ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތަކުގެ އަގު އަންނަނީ އުފުލެމުންނެވެ.
މިދިޔަ އަހަރާއި ބަލާއިރު މިއަހަރު ގޮވާމުގެ ބާވަތްތަކުގެ އަގު ވަނީ އުފުލިފައެވެ. ސަންފްލާވާ ތެލުގެ އަގު %30 އުފުލިފައިވާއިރު ޒުވާރީގެ އަގު ވަނީ %23އަށް އުފުލިފައެވެ. ޔުކްރެއިންގައި ތާށިވެފައިހުރި ކާބޯތަކެތި ރައްކާތެރިގޮތެއްގައި ބޭރުކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އެމެރިކާއިން އަންނަނީ ކުރަމުންނެވެ.