ދުނިޔޭގެ ވިޔަފާރި

ޗައިނާ ގޮވައިގެން ތައިވާނުން ދުނިޔޭގެ ވިޔަފާރިއާއި ބެހޭ ޖަމިއްޔާއަށް


ތައިވާނުން ނަގާ ފާނަ އިމްޕޯޓްކުރުން ޗައިނާއިން މަނާކުރުމުން ޗައިނާ ގޮވައިގެން ދުނިޔޭގެ ވިޔަފާރިއާއިބެހޭ ޖަމިއްޔާއަށް ދާނެ ކަމަށް ތައިވާނުގެ ސަރުކާރުން ބުނެފިއެވެ.

ޗައިނާގެ ކަސްޓަމުން ހުކުރު ދުވަހު ބުނީ ތައިވާނުގެ ފާނަ އިމްޕޯޓުކުރުން މަނާކުރީ މަނާކޮށްފައިވާ ކެމިކަލެއް ފާނަތަކުން ތަކުރާރުކޮށް ފެނުމުންކަމަށެވެ. ނަމަވެސް ތައިވާނުން ވަނީ މިކަން ދޮގުކޮށްފައެވެ. ތައިވާނުގެ ފާނަ ތަކުގައި އެއްވެސް ކަހަލަ ކެމިކަލެއް ނުހުންނާނެކަމަށް އެ ޤައުމުގެ ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނެއެވެ. އަދި ޑާޓާތައް ޗައިނާއަށް ފޯރުކޮށްދޭނެކަމަށާއި ޗައިނާއިން ޖަވާބުދާރީ ނުވެއްޖެނަމަ ވިޔަފާރިއާއި ބެހޭ ޖަމިއްޔާއަށް މައްސަލަ ހުށަހަޅާނެކަމަށްވެސް ތައިވާނުން ބުނެއެވެ.

ބައިނަލްއަޤުވާމީ ޕްރެކްޓިސްތަކަށް ބެލުމެއްނެތި ޗައިނާއިން އަންނަނީ ތައިވާނުގެ ދަނޑުގޮވާމުގެ ބާވަތްތަކާއި ކަނޑުންނަގާ ބާވަތްތައް ބޮއިކޮޓްކުރަމުންކަމަށްވެސް ތައިވާނުން ބުނެއެވެ. މިދިޔަ އަހަރު ޗައިނާއިން ވަނީ ތައިވާނުން އުފައްދާ އަލަނާސިއާއި އަތަ އަދި ޖަނބުރޯލުވެސް އިމްޕޯޓުކުރުން މަނާކޮށްފައެވެ.

ތައިވާނަކީ ޗައިނާގެ ބައެއްކަމަށް ދަޢުވާކުރަމުން އަންނައިރު ޗައިނާ އާއި ތައިވާނުގެ ގުޅުން ހީނަރުވެފައި އޮންނަތާ ދުވަސްގަނޑެއްވެއްޖެއެވެ. ތައިވާނުން މިގޮތަށް އެއްބަސްވުމަށް ޗައިނާ އިން އަންނަނީ ސިޔާސީ ގޮތުންނާއި އަސްކަރީގޮތުންވެސް ތައިވާނަށް ޕްރެޝަރ ކުރަމުންނެވެ.