ޚަބަރު

ދުވަހަކުވެސް ނުލިބޭހާ ކުރިއެރުން މިދައުރުގައި ނެއްލައިދޫއަށް ލިބިއްޖެ: ކައުންސިލް


ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މި ދައުރުގައި މީގެ ކުރިން ދުވަހަކުވެސް ނެއްލައިދޫއަށް އައިސްފައި ނުވާފަދަ ތަރައްޤީއާއި ކުރިއެރުން ލިބިފައިވާކަމަށް ނެއްލައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެކައުންސިލުން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެކެވުނު ވާހަކަތަކުގައެވެ.

ރައީސުލްޖުމުހޫރިއްޔާ ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވަނީ ގިނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ޤާއިމްކުރި ހައިސްޕީޑް ފެރީގެ ޚިދުމަތާއެކު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން މިހާރު ލިބޭ ފެރީގެ ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެއްކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މި ދައުރުގައި މީގެ ކުރިން ދުވަހަކުވެސް ނެއްލައިދޫއަށް އައިސްފައި ނުވާފަދަ ތަރައްޤީ އާއި ކުރިއެރުން ލިބިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އަދި 2019ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާ އާއެކު ނެއްލައިދޫ ކައުންސިލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށަހެޅުއްވި ކަންކަން މިހާރު އެކި މަރުޙަލާތަކުގައި ހިނގަމުންދާކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ރަށުގެ ބަނދަރު ތަރައްޤީކުރެވި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމާއި، ޒަމާނީ ޓަރފް ދަނޑެއް އެޅިފައިވާއިރު އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރެއިން ރަށުގެ މަގުތައް ލެވެލްކުރުމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި، ރައްކާތެރިގޮތުގައި ކުނިނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ފަޅު ރަށެއްކަމަށްވާ ހދ.ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެގޮތް ހައްދަވައި ދެއްވުމަށް ކައުންސިލުން ހުށަހެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ސީދާ ކައުންސިލްތަކާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި، ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިއަހަރު ކޮށްދެވެންހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށާއި، ކައުންސިލްގެ އައު ޢިމާރާތެއް އެޅުމާގުޅޭ މަސައްކަތްތައްވެސް ކަމާބެހޭ މުއައްސަސާތަކާ ވާހަކަދައްކަވައިގެން ކުރިޔަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.