ޚަބަރު

އިތުރު ދާއިރާތަކުގެ މުވައްޒަފުން ޕޭ ފްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ


ޖުމުލަ 200އަށްވުރެ ގިނަ ފަންނީ ދާއިރާތަކުގެ މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވޯކްއަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑު ބައެއް ނިންމާލެވިއްޖެކަމަށް ނޭޝެނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިހާތަނަށް ދަޢުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވަނީ ހަމައެކަނި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން މުދައްރިސުންނާއި ޕްރިންސިޕަލުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ އެކި ފަންނުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ދަޢުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުކުރުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން 200އަށްވުރެ ގިނަ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މި ފްރޭމްވޯރަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެތެރެއިން ފަންނީ މަސައްކަތުގެ ބޮޑުބައެއް ނިންމާލެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމާލެވުނުނަމަވެސް މިކަމަށް ޢަމަލުކުރަން ފަށާނީ ދަޢުލަތުގެ ބަޖެޓު ތަންދޭ މިންވަރަކުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށްފަހު ދެން އެންމެ އަވަހަށް ޕޭ ފްރޭމްވޯކައަށް ބަދަލުކުރުމަށް ނިންމަވާފައިވާ ދާއިރާތަކުގެ ތެރޭގައި ސިއްޙީ ދާއިރާގެ މުވައްޒަފުން ހިމެނެއެވެ. މިކަމަށް އަލިއަޅުއްވާލައްވައި ޑރ.ފައިޒަލް ވަނީ ސިއްޙީ ދާއިރާގައިވެސް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މި ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވޯކްއަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައެއް ނިމިފައިވާކަމަށާ މިހާރުވެސް ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއެކު މަޝްވަރާތައް ކުރައްވަމުން އަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ދެތިންމަހުގެ ތެރޭގައި މުޅިން ނިންމާލުމަކީ އަމާޒެއްކަމަށްވެސް ޑރ.ފައިޒަލް ވިދާޅުވިއެވެ.

މުވައްފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ދާދިފަހުން ވިދާޅުވެފައިވަނީ ދައުލަތުގެ އެހެން މުވައްޒަފުންގެ މުސާރައަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ އެއް ހަމަ ޕޭ ފްރޭމްވަރކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު އެއް މަސައްކަތްކަމަށެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން މުސާރައާއި ޢިނާޔަތް ދެމުންދިޔަގޮތަށް ބަދަލުތަކެއް ގެނެވޭނެކަމަށާ، ފުރަތަމަކަމަކަށް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ކުރީގައި އެއް މަޤާމެއްގައި އެއް މަސައްކަތެއްކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތައިލެވޭނެކަމަށާއި، މިމަސައްކަތަކީ ދިރާސާތައް ކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.