ޚަބަރު

ތިލްމީޛާގެ ބަދަލުގައި އެމެރިކާގެ ސަފީރުކަމަށް ޢަބްދުލްޣަފޫރު


ރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި ސަފީރު ތިލްމީޛާ ޙުސައިންގެ ބަދަލުގައި އެމަޤާމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ފުރުއްވަމުންދާ ޢަބްދުލްޣަފޫރު މުޙައްމަދު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޢަބްދުލްޣަފޫރު ވަނީ މީގެކުރިން އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަން ވެސް ކުރައްވާފައެވެ. އަދި މިހާރު ފުރުއްވަމުންދަނީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައެވެ. މީގެ ކުރިން ޢަފޫރު ފުރުއްވި ފޮރިން ސެކްރެޓަރީގެ މަޤާމަށް ވަނީ ޖަރުމަނުގައި އެންމެ ފަހުން ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ހަމަޖައްސަވާފައެވެ.

ތިލްމީޛާ ޙުސައިން ވަނީ އެމެރެރިކާގައި ހުންނަ ދިވެހި ސަފީރުކަމުގެ މަޤާމު ފުރުއްވުމުގެ އިތުރުން ނިއުޖަރސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަޤާމާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވަރކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރގެ މަޤާމުވެސް ފުރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ސަފީރުންތަކަކަށްވެސް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން ޖަޕާނުގެ ސަފީރު ހަސަން ސޯބިރު ކޮރެއާގެ ނޮން ރެޒިޑެންޝަލް ސަފީރަކަށާއި، ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ނެދަލެންޑްސްގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް ހަމަޖައްސަން ވަނީ ހުށަހަޅުއްވާފައެވެ.

މިނަންފުޅުތައް ދިރާސާ ކުރެއްވުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.