ޚަބަރު

ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ 4 މީހުންގެ ތެރެއިން ދެމީހުން ހައްޔަރުކޮށްފި


މިދިޔަ ފިޠުރު ޢީދުދުވަހު ހެންވޭރު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހޯދަން އިޢުލާންކޮށްފައިވާ 4 މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މަޢުޞޫމް މުޙައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަޙްމަދު ސާތިޢު (21އ)އެވެ. މިދެމީހުންގެ އަޙްމަދު ސާތިޢު ހައްޔަރުކޮށްފައިވަނީ ޖޫން 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މަޢުޞޫމް މުޙައްމަދު ދީދީ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލެއިންނެވެ. އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލައާ ގުޅިގެން މިހާރު ހޯދަމުންދަނީ:

  • ގއ. މާމެންދޫ / ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ސ. ހުޅުދޫ / ނާދީ، މުނާދު ޖަޢުފަރު (20އ)

މި ހަތަރު މީހުންނާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައިކަމަށް ފުލުހުން ވިދާޅުވެއެވެ.