ޚަބަރު

މަތިންދާބޯޓެއްގެ ދަތުރުހާ ހިތްފަސޭހަ، ފުރިހަމަ ޚިދުމަތެއް!


ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ކުރަންޖެހޭ ބައެއްކަންކަން ކުރުމުގައި ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ރާއްޖެއަކީ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވާތީ ޚިފދުމަތްތައް ގުޅާލުމުގައި ދިމާ ދަތިތަކެވެ.

އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގައި މާކަނޑު ހުރަސްކޮށް އެތައް ގަޑިއިރެއް ހޭދަކޮށް ކުރަމުންދިޔަ ދިގު ދަތުރަށް ނިމުން ގެނެސް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމް ކުރުމަކީ މިސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ.

މިއަމާޒަށް ވާސިލް ވުމަށްޓަކައި، ސަރުކާރުން ވަނީ ފަސޭހަ ކަމާއިއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމް ކުރުމަށް މަސައްކަތް ފަށާފައެވެ. މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން ފެށި މިމަސައްކަތަށް ކޯވިޑްގެ ބަނަވިލާގަނޑު ހުރަސްއެޅި ނަމަވެސް ގޮންޖެހުންތަކާއެކުވެސް މިއަދު ވަނީ އަމާޒަށް ވާސިލްވެފައެވެ. މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ޒޯން 1ގައި ހިމެނޭ 3 އަތޮޅުގެ ތެރެއިން ހދ.އަތޮޅުގެ ރަށްތަކަށެވެ.

ދަތުރުފަތުރުގެ މިފަސޭހަ ޚިދުމަތާއިއެކު ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު ދަތުރުފަތުގެ ބޮޑު ތަކުލީފެއް އުފުލަންޖެހުނު ބޮޑު ތިލަދުންމަތީގެ އެތައް ބަޔަކަށް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްފައެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން އެކި މަޤާމުތަކުގެ މަސްއޫލިއްޔަތު އަދާކުރާ ބޭފުޅުންނަށް މިދަތުރުފަތުގެ ނިޒާމު ސިފަވަނީ އެންމެ ޒަމާނީ "މޯލްޑިވިއަންގެ ފްލައިޓެއްގެ" ދަތުރެއްގެ ގޮތުގައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ތަކާއިއެކު އަލަށް އިންތިޚާބުވި ކައުންސިލަރުންގެ ތެރެއިން އެންމެ ޒުވާން ކައުންސިލް ރައީސް ވަނީ މިދަތުރުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އުމުރުން 23 އަހަރުގެ މުހައްމަދު އަލީފަށް އެމްޓީސީސީގެ އާރު.ޓީ.އެލްގައި ދަތުރުކޮށްލުމަކީ މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރުކޮށްލުންހާ ހިތްފަސޭހަ ކަމެކެވެ.

"އަޅުގަނޑުމެން މިއަދު އެމްޑީސީސީ އާރުޓީއެލް ފެރީގައި ދަތުރު ކުރާއިރު އިހުސާސްއެބަވޭ އަޅުގަނޑު މިއިންނަނީ މޯލްޑިވިއަންގެ ފްލައިޓެއްގައޭ." ނެއްލައިދޫ ކައުންސިލް ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެރީއަށް އަރާއިރު ފެރީގެ ކެޕްޓަނާއި، ކުރޫއިންނާއި، އަދި ނައްޓާލުމުގެ ކުރިން ދޭ އިރުޝާދުތަކާއި، ފްލައިޓެއްގައި ދޭ އިރުޝާދުތަކާއި ދާދިއެއްގޮތްކަމަށެވެ. އަތޮޅު ކައުންސިލް ބައްދަލުވުމަށް ކުޅުދުއްފުއްޓަށް މީގެ ކުރިން 2 ގަޑިއިރާއި 30 މިނިޓުން ކުރި ދަތުރު މިހާރު 40 މިނިޓުން ދެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގައި މިފެރީ ތަޢާފަރް ކުރުމުގެ ކުރިން އަޅުގަނޑު އަތޮޅު ކައުންސިލް ޖަލްސާއަށް ދާއިރު ގާތްގަނޑަކަށް ދެގަނޑިއިރާއި ބައި އެބަހޭދަވޭ ކުޅުދުއްފުއްޓަށް ދާން. ގިނަ ފަހަރު ދެވޭއިރު ޖަލްސާފެށިގެން ކުރިއަށްދާނެ. ނަމަވެސް މިހާރު ގެއިން ތައްޔާރު ވެލައިގެން އާރުއެލްޓީގައި ދަތުރުކޮށްލާފަ 40 މިޓުން އެބަދެވޭ. ފުލް އޭސީގައި، ފޯނު ޗާޖު ކޮށްލައިގެން ފްލައިޓެއްގައި ލިބޭ ޚިދުމަތް މިއަދު އެބަލިބޭ." ނެއްލައިދޫ ކައުންސިލް ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ.

ނެއްލައިދޫ ކައުންސިލް ރައީސްގެ އިތުރުން މިފެރީގައި ދަތުރުކުރާ ކޮންމެ މީހެއްގެ ިއހުސާސްތައްވެސް ހުރީ ހަމަ މިގޮތަށެވެ. ދަތުރުވެރިންނަށް ޚާއްސަކޮށް، ހދ.އަތޮޅުގެ ރައްޔިތުންނަށް މިފެރީގެ ސަބަބުން މާލެއަށް ބޭސްފަރުވާއަށާއި، އެނޫން އަސާސީ ގިނަ ކަންކަމުގައި ބޮޑު ހޭދަތަކެއް ކޮށްގެން ކުރަންޖެހުނު ދިގު އަދި ބުރަ ބޮޑު ދަތުރުތަކަށް މިވަނީ ނިމުން ގެނެސްފައެވެ.

މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރައްވަނީ ލާމަރުކަޒީ ތަރައްޤީގެ މައި ބަދަ ކަމުގައެވެ. ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ މަރުކަޒީ ބާރުތައް ލާމަރުކަޒު ކުރުން ކަމަށްވާއިރު ފަސޭހަ އަދި އަތް ފޯރާ އަގެއްގައި ދަތުރުފަތުރު ކުރެވޭމެ މަގެއް ނެތި މިނިޒާމު ފައްކާ ކުރުމަކީ ވުމަށް ވުރެއް ނުވުން ގާތްކަމެއްކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. ދަތުރު ފަތުރުގެ މިނިޒާމާއިއެކު މުޅި ރާއްޖެއަށް އޭގެ ސަބަބުން ހިންގުމުގެ ބޮޑު ބަދަލެއް ނެނުވައި، އިޤްތިޞާދީ ބޮޑު މަންފާއެއް ލިބިގެންދާނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.