ރަޝިއާއިން އެންމެ ގިނައިން ހަކަތަ އިމްޕޯޓުކުރާ ޤައުމަކަށް ޗައިނާ ވެއްޖެއެވެ. ޗައިނާއިން ވަނީ 12.6 ބިލިއަން ޔޫރޯގެ ހަކަތަ ރަޝިއާއިން އިމްޕޯޓުކޮށްފައެވެ.
މިހާރު ހިނގަމުންދާ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ފުރަތަމަ ދެ މަސް ދުވަހު ރަޝިއާއިން އެންމެ ގިނައިން ހަކަތަ އިމްޕޯޓުކުރާ ޤައުމަކަށް އޮތީ ޖަރުމަނުވިލާތެވެ. އަމިއްލަ ރިސާޗް ގްރޫޕެއްކަމަށްވާ ސެންޓާ ފޯ ރިސާޗް އޮން އެނަރޖީ އެންޑް ކްލީން އެއަރ އިން ބުނިގޮތުގައި ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ހަކަތަ އެކްސްޕޯޓުކޮށްގެން 93 ބިލިއަން ޔޫރޯ އާމްދަނީގެ ގޮތުގައި ރަޝިއާއަށް ވަނީ ލިބިފައެވެ.
ހަނގުރާމައިގައި ހޭދަވި ފުރަތަމަ 100 ދުވަހު %61 ނުވަތަ 57 ބިލިއަން ޔޫރޯގެ ހަކަތަ އެކްސްޕޯޓުކޮށްފައިވަނީ ޔޫރަޕް އިއްތިޙާދުގެ ޤައުމުތަކަށެވެ. މީގެތެރޭގައި ހިމެނެނީ ޖަރުމަންވިލާތަށް އެކްސްޕޯޓުކުރި 12.1 ބިލިއަން ޔޫރޯގެ ހަކަތައާއި، އިޓަލީ އަދި ނެދަލޭންޑްސް މިއިން ކޮންމެ ޤައުމަކަށް 7.8 ބިލިއަން ޔޫރޯގެ ހަކަތަ އަދި ޕޯލެންޑަށް އެކްސްޕޯޓުކުރި 4.4 ބިލިއަން ޔޫރޯގެ ހަކަތައެވެ.
ރަޝިއާގެ ހަކަތައަށް ވަރަށް ބޮޑަށް ބަރޯސާވެފައިއޮތް ޖަރުމާންވިލާތުން މެއި މަހު ރަޝިއާއިން އިމްޕޯޓުކޮށްފައިވާ ހަކަތައިގެ މިންވަރު ވަނީ %8 އަށް ދަށްވެފައެވެ. ޖުމްލަކޮށް މުޅި ޔޫރަޕް އިއްތިހާދުން ވަނީ ދުވާލަކަށް 100 މިލިއަން ޔޫރޯގެ ހަކަތަ ރަޝިއާއިން އިމްޕޯޓުކުރުން މަދުކޮށްފައެވެ.