ޚަބަރު

މަޖިލީހާހެދި ސަރުކާރުގެ މާލީކަންކަން ހުއްޓުމަކަށް އައުމަށް ޖާގައެއް ނުދެވޭނެ: ސަލީމް


2008 ވަނަ އަހަރުގައި އުފެދިގެން ދިޔަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އޭރުގެ މަޖިލީހުން ސަރުކާރަށް މާލީ އެއްވެސް ބާރުވެރިކަމެއް ނުދީ މަޖިލިސް ތެރެއިން ކަންކަން ކުރި އުސޫލުން ކަންކަން ކުރުމަށް މިހިނގާ ދައުރުގެ ތެރޭގައި ޖާގަ ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ މާލީ ގޮންޖެހުންތަކާއެކުވެސް ދައުލަތް ހިންގުމަށް މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދޭންޖެހޭކަމަށެވެ. ދައުލަތް ހިންގޭނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، ލޯނުވެސް ނަގައިގެން ކަމަށްވާއިރު އެފުރުސަތު ސަރުކާރަށް ފަހިވާންޖެހޭކަމަށެވެ.

މާޒީގައި ކަންކަން ހިނގާދިޔަ ކަންކަމުން މިސާލު ނަންގަވަމުން ސަލީމް ވިދާޅުވީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައިވެސް އޭރުގެ އެންމެ ބޮޑު ހަތިޔާރަކަށް ހެދީ މާލީ ހުރިހާ ބާރެއް މަޖިލީހަށް ނަގައި ސަރުކާރަށް ހިންދެމިލާނެ ވަގުތުވެސް ނުދިނުންކަމަށެވެ. ސަރުކާރުު ހިންގުމަށް ކޮންމެހެން ނަގަންޖެހޭ ލޯނުތަކާއި، ބޭރުގެ މާލީ އިދާރާތަކާއެކު ކުރެވޭ ހުރިހާ މުއާމާލާތެއް މަޖިލީހުން ހުއްޓުވުމަކީ ވެރިކަން ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް ބޭނުންވާ ފައިސާތައް ހޯދުމުގެ ބާރު ސަރުކާރަށް އޮންނަންޖެހޭނެ. އެހެން ނަމަވެސް އެވެރިކަން ވައްޓާލުމުގައި ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ އެބާރު ރައްޔިތުންގެ މަޖިލީހަށް ނެގުން. މިހަގީގަތް ބަދަލެއް ނުކުރެވޭނެ. އެގޮތަށް ހިލާވިޔަކަ އަޅުގަނޑުމެން ނުދޭނަން. މިސަރުކާރު ހިނގަންޖެހޭ. ހިންގުމަށް ފަސޭހަވެސް ކޮށްދޭންޖެހޭނެ. މިގޮތަށް ނުސީދާ ގޮތުން ކުރާ ދުއްތުރާތައް އަޅުގަނޑުމެން ތިބޭނީ ވަރަށް ހޭލާ ބަލައިގެން." ސަލީމް ވިދާޅުވިއެވެ.

މިސަރުކާރުން ފާއިތުވެދިޔަ ދުވަސްތަކުގައި މާލިއްޔަތު ޤާނޫނަށް ފަސް ފަހަރެއްގެ މަތީން ވަނީ އިސްލާހު ގެނެސްފައެވެ. މިފަސްފަހަރުވެސް ގެނައި އިސްލާހުތަކަކީ، މާލީ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަސޭހައިން ކޮށްދެވޭނެ ނިޒާމެއް އެކުލަވާލައި، ޚަރަދުތައް ދެފުށް ފެންނަ ގޮތެއްގައި ކުރެވޭނެ ގޮތެއް ކަނޑައެޅުންކަމަށް ސަލީމް ވިދާޅުވިއެވެ.

ޤާނޫނަށް މީގެ ކުރިން ގެނައި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ އިދާރާތައް އޮޑިޓް ކުރެވޭނެ ހަރުދަނާ އުސޫލެއް ގާއިމް ކުރެވި، މުދަލާއި ފައިސާ ބެލެހެއްޓޭ ގޮތާއި، ޚަރަދު ކުރެވޭ މިންވަރާއި، ލޯނުނެގި އަދަދާއި، ދަރަނީގެ ތަފްސީލްވެސް ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުންނަކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން މާލިއްޔަތު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީވެސް މިއުސޫލުން ދައުލަތް ހިންގުމަށާއި، މާލީ ކަންކަން ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ސަލީމް ވިދާޅުވިއެވެ.