ދުނިޔޭގެ ވިޔަފާރި

ތެލަށް އޮތް ޑިމާންޑު އިތުރުވާނެކަމަށް އޯޕެކުން ބުނެފި


ދުނިޔޭގައި ތެލަށް އޮތް ޑިމާންޑް ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް ވަރަށްވުރެ އިތުރަށް މިއަހަރު އިތުރުވާނެކަމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް) އިން ބުނެފިއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ކޯވިޑުގެ ބަލިމަޑުކަމުގެ ބިރުއޮތް ނަމަވެސް ތެލަށް އޮތް ޑިމާންޑު އިތުރުވާނެކަމަށް އޯޕެކުން ބުނެއެވެ.

އޯޕެކުން މިހެން ބުނީ އެމީހުން އާންމުކޮށްފައިވާ ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައިވާގޮތުން ދުނިޔޭގައި ތެލަށް އޮތް ޑިމާންޑުއިތުރުވެ 3.36 މިލިއަން ފީފާ ދުވާލަކަށް ބޭނުންވާނެކަމަށް އޯޕެކުން ލަފާކުރެއެވެ.

ތެޔޮ ބޭނުންކުރާ މިންވަރު މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދުވާލަކު 100 މިލިއަން ފީފާއަށް އަރާނެކަމަށްވެސް އޯޕެކުން ވަނީ ލަފާކޮށްފައެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މިދިޔަ މާޗްމަހު ތެލުގެ އަގު ވަނީ އުފުލިފައެވެ. އެ މަހު ތެޔޮ ފީފާއެއްގެ އަގަކީ 139 އެމެރިކާ ޑޮލަރެވެ. މިއީ 2008 ވަނަ އަހަރަށްފަހު ތެލުގެ އަގު އެންމެ ބޮޑުވި ފަހަރެވެ. މީގެއިތުރުން ކޯވިޑާއިހެދި ޗައިނާ ފުރަބަންދުކުރުމުން ތެލަށް އޮތް ޑިމާންޑުވެސް ވަނީ އިތުރުވެފައެވެ.

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލެން މެދުވެރިވި އަނެއް ސަބަބަކީ ރަޝިއާއިން އުފައްދާ ތެލުގެ މިންވަރު ވަރަށް ބޮޑުތަނުން މަދުކުރަން ޔޫރަޕިއަން ޔޫނިއަނުން ނިންމުމާއި ގުޅިގެންނެވެ. ރަޝިއާއިން އުފައްދާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ މަދުކުރުމަށް އީޔޫއިން ވަނީ ނިންމާފައެވެ.

އަންނަ ޖުލައިމަހު 648000 ފީފާ ދުވާލެއްގެ މައްޗަށް އުފައްދަން އޯޕެކް ޤައުމުތަކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސް އިން މިހާރު ވަނީ އެއްބަސްވެފައެވެ.ދުނިޔޭގެ އިޤްޠިޞާދީ ދުވެލި %3.5 އިންސައްތައަށް މިއަހަރު ހަލުއިވާނެކަމަށް އޯޕެކުން ވަނީ ލަފާކޮށްފައެވެ.