ޚަބަރު

މާލެ ސަރަހައްދުން ގޯއްޗަށް ކުރިމަތިލާން، މިމަހުގެ 26ގައި ހުޅުވާލަނީ


މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރުމަށްޓަކައި މިމަހުގެ 26ވަނަ ދުވަހު އިއުލާންކުރައްވާނެކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ފުރަތަމަ 3000 ގޯތި ދޫކުރުމަށްޓަކައި މިމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެފަހުން އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރައްވާފައެވެ. ރައީސްގެ މިނިންމެވުމާ އެއްގޮތަށް ޕްލޭނިން މިނިސްޓްރީން ގެންދަވަނީ ގޯތިތަކަށް ކުރިމަތިލުމުމުގެ ފުރުސަތު މިމަހުގެ 26ވަނަ ދުވަހު ހުޅުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މާލޭ ސަރަހައްދުން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގާތްގަނޑަކަށް ނިމުމާއި ހަމައަށް ގޮސްފައިވާ 1،344 ހައުސިން ޔުނިޓަކަށް ކުރިމަތިލައި އެތަންތަނުގައި ދިރިއުޅެވޭނެމަގު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށެވެ. މީގެއިތުރުން މާލެ ސަރަހައްދުގައި 4،000 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މާލެ ސަރަހައްދުން ގޯތި ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް މިމަހުގެ 26ވަނަ ދުވަހު ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ގޯތިތަށް ދޭނެ ސަރަހައްދަކާއި، އަދި ގޯތިތަކާގުޅޭ މާބޮޑު ތަފްސީލެއްވެސް މިނިސްޓަރ ދެއްވާފައެއްނުވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވައި އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ދިމާވެފައިވާ އިޖުތިމާޢީ އެންމެބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއްނެތި ދަތި ޙާލުގައި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެންޖެހުމެވެ. މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން 2159 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި، އަދި 2023ވަނަ އަހަރު 2429 ޔުނިޓު ނިމޭނެކަމަށާއި 2024ގެ ނިޔަލަށް 3361 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.