ޚަބަރު

އައު ބަސްތަކާއެކު ދެވަނަ ފިޔަވަހީގެ ރައްޔިތުންގެ ދަތުރުފަތުރުގެ ޝަކުވާތަކަށް ނިމުން


ގްރޭޓަރ މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދެމުން އަންނަ އެމް.ޓީ.ސީ.ސީން އަންނަނީ މާލެއާއި، ހުޅުލެއާއި، ހުޅުމާލެއާ ދެމެދުވެސް މިޚިދުމަތް ދެމުންނެވެ. ސްކޫލަށާއި އޮފީސްތަކަށް ދާ ގިނަބަޔަކު ބަރޯސާވެފައިވާ ބަހުގެ ޚިދުމަތް ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ސަރަޙައްދަށްވެސް ދެނީ އެމް.ޓީ.ސީ.ސީންނެވެ.

އެހެންނަމަވެސް އެސަރަޙައްދުން މާލެއަށް އައުމަށް އެންމެ ފުރަތަމަ ފެށީ ކަނެކްޓިން ބަހެއް ފުރަތަމަ ފިޔަވަހިން ނަގައިގެން މާލެ އަންނަ ގޮތަށެވެ. ގިނަ ދަތިތަކެއް ރައްޔިތުންނަށް ކުރމަތިވަމުންދާތީ އެކަމަށް ޙައްލެއް ގެނައުމަށް ދެވަނަ ފިޔަވަހިން ސީދާ ދަތުރުތައް މާލެއަށް ފެށީ މިއަހަރުގެ މާރިޗު މަހުގައެވެ. ގަޑިއަކު އެއްފަހަރު ބާއްވާ ބަސްތަކުންވެސް ޑިމާންޑު އޮތް މިންވަރަށް ޚިދުމަތް ނުދެވެނީ ބޭނުންވާ ޢަދަދަށް ބަސް ނެތުމުންކަމަށް އެމް.ޓީ.ސީ.ސީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ބަހުގެ ޚިދުމަތަކީ މިއަދު މާލޭ ސަރަޙައްދުގައި ގިނަ ބަޔަކު ހޯދާ އަދި އެ ޚިދުމަތަކަށް ނުހަނު ބޮޑަށް ބަރޯސާވާ ޚިދުމަތަކަށްވާއިރު، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމް.ޓީ.ސީ.ސީން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެކުންފުނީގެ ބަހުގެ ފްލީޓަށް އިތުރު 15 ޑަބަލް ޑެކް ބަސް ގެނެސްފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އަދި މިހާރު މިވަނީ މި ބަސްތަކުގެ ޓެސްޓް ދަތުރު ބާއްވާ، ޚިދުމަތުގައި ބޭނުންކުރަން ފަށާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.ޓީ.ސީ.ސީގެ ލޭންޑް ޓްރާންސްޕޯޓް ޑިވިޜަން ހިންގެވުމާ ހަވާލުވެހުންނެވި އެކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ނާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ ފްލީޓަށް އިތުރުވި ބަސްތަކާއެކު މާލެއާއި ހުޅުމާލެއާއި ދެމެދު ކުރާ ބަސް ދަތުރުތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ވަކިން ޚާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ބަހުގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އައު ބަސްތަކާއެކު މިހާރު މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވަށްސާ ދެމެދު ބާއްވާ ބަސް ދަތުރުތަކުގެ ފްރިއުކެންސީ 1 އެއްގަޑިިއިރުން 30 މިނެޓަށް ބަދަލުވެގެންދާނެކަމަށެވެ. އަދި ޕީކް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ދެވަނަ ފިޔަވަށްސަށް ބަސް ދަތުރުތައް އޮންނާނެކަމަށެވެ. މީގެ އިތުރުން، އައު 2 ރޫޓެއް ތަޢާރަފުކުރެވިގެންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ހުޅުމާލޭ ސެކަންޑް ފޭސްއިން ވެސްޓް ޕާކަށް މިހާރު ކުރަމުންދާ ބަސްދަތުރުގެ ފްރިކުއެންސީ އިތުރުވެގެންދާނެ. ޚާއްސަކޮށް ހެނދުނާއި މެންދުރުގެ ޕީކް ގަޑިތަކުގައި 15 މިނެޓަށް ބަދަލުވެގެންދާނެ. އޭގެ އިތުރުން އިތުރު ރޫޓްތަކެއްގެ ޚިދުމަތް ފެށިގެންދާނެ. އެގޮތުން ހުޅުމާލޭ ސެކަންޑް ފޭސް އިން ކާނިވަލަށް، ހުޅުމާލޭ ސެކަންޑް ފޭސްއިން ހުޅުލެއަށް ޑައިރެކްޓްކޮށް ބަހުގެ ޚިދުމަތް ދެވިގެންދާނެ" ނާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީގެ ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަލަށް ގެނައި 15 ބަހާއެކު، މި ޚިދުމަތުގައި ބޭނުންކުރާ ބަހުގެ ޢަދަދު 46 އަކަށް މިވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި 23 ޑަބަލް ޑެކް ބަސް، ސިޓީ ބަސް، އަދި ކޯޗް ހިމެނެއެވެ.

ފަހުން ގެނައި 15 ޑަބަލް ޑެކް ބަހަކީ 86 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭ ބަސްތަކެކެވެ. އަދި މި ބަސްތަކުގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ އަދި މާބަނޑު މީހުންނަށް ޚާއްސަ ސީޓުތަކެއް ހިމެނެއެވެ. އަދި ފުރޮޅުލީގޮނޑި ބޭނުންކުރާ މީހުންނަށްވެސް ފަސޭހައިން އަރައި ފޭބޭނެހެން ރޭމްޕެއް ހިމެނެއެވެ.

އައު ބަސްތަކާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހިން ބަހުން ޖާގަ ނުލިބުމާއި، ބަސް ސްޓޮޕްކައިރީ ތޮއްޖެހި، ގިނަ އިރު ބަހަށް މަޑުކުރަން ޖެހުންފަދަ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. ނާޒިމް ވިދާޅުވީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު އިތުރުބާރުކުރެވޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ. އެހެންނަމަވެސް ޚާއްސަކޮށް ބަސް ޝެޑިއުލާ އެއްގޮތަށް ދަތުރުތައް ކުރުމުގައި ގޮންޖެހުންތަކެއް ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަގުމަތީގައި ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ޝެޑިއުލަށް ދަތުރުތައް ކުރަން ބައެއް ފަހަރު އުނދަގޫވޭ. އަޅުގަނޑުމެން ދެކޭގޮތުގައި މިކަމަށް ޙައްލެއް ލިބޭނީ އަޅުގަނޑުމެން އެންމެ އެކީގައި މިކަމަށް މަސައްކަތްކޮށްގެން. މި ހެދިފައިހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން" ނާޒިމް ވިދާޅުވިއެވެ.

ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެސަރަޙައްދުގައި އެކަށީގެންވާ ރަނގަޅު ފެންވަރުގެ ދަތުރުފަތުރުގެ ޚިދުމަތެއް ނެތުމެވެ. އޭގެ ސަބަބުން ކުދިން ސްކޫލަށް ގެންދިޔުމަށް ގިނަ ވަގުތުތަކެއް ބެލެނިވެރިން ބަހުގެ އިންތިޒާރުގައި ތިބެންޖެހުމުގެ ޝަކުވާއާއި ބަހުން ޖާގަ ނުލިބުމުގެ ޝަކުވާވެސްވަނީ ބޮޑުވެފައެވެ. އެހެންނަމަވެސް އަލަށް ބޭނުންކުރަން ފެށި ބަސްތަކާއެކު ރައްޔިތުންނަށް މިވަނީ ހިތްހަމަޖެހުން ގެނުވާފައެވެ.

އެމް.ޓީ.ސީ.ސީން މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ބަހުގެ ޚިދުމަތް ދޭން ފެށީ ހުޅުމާލޭގައި އެކަންޏެވެ. މާލެއާއި ހުޅުލެއާއި ދެމެދު ތަރައްޤީކުރި ބްރިޖާއެކު މާލެ، ހުޅުލެ އަދި ހުޅުމާލެއާއި ދެމެދު ބަސް ދަތުރުތައް ދެމުން އައީ އެމް.ޕީ.އެލްގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް ސަރުކާރުން ފަހުން ވަނީ އެމް.ޕީ.އެލްގެ ދަށުން އެ ޚިދުމަތް ނަގާ، އެމް.ޓީ.ސީ.ސީއާއި އެ މަސައްކަތް ޙަވާލުކޮށްފައެވެ.