އަންނަ އަހަރުގެ ނިޔަލަށް އިތުރު 22 ރިސޯޓު ރާއްޖޭގައި އަލަށް ހުޅުވޭނެކަމަށް ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން ބާއްވާ ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓު އޮން ކޮމިއުނިޓީ ބޭސްޑު ޓޫރިޒަމް ސަމިޓު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބް ރައީސްވަނީ ރާއްޖޭގެ އިޤްތިސާދުގެ އެންމެ މުހިންމު ސިނާއަތަކީ ފަތުރުވެރިކަންކަން ފާހަގަކުރައްވައި، ރާއްޖެއަށް އެންމެބޮޑު ޢާމްދަނީއެއް ލިބެނީ މިދާއިރާކަން ފާހަގަކުރައްވާފައެވެ. އަދި މިއާއެކު މި ދާއިރާގެ މަޝްރޫޢުތައް ކުރިއަށްދާ ދުވެލި ހަލުވިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 426 ފަތުރުވެރިކަމުގެ ފެސިލިޓީ އަލަށް ހުޅުވާފައިވާކަމަށެވެ.
" ފާއިތުވީ ތިން އަހަރާއި ބައިގެ ތެރޭ 33 ރިސޯޓު، 2 ހޮޓެލް، 343 ގެސްޓުހައުގެ އިތުރުން 2 ހޯމް ސްޓޭ ފެސިލިޓީ ހުޅުވާފައިވޭ. އަދި 19 ސަފާރީއެއް އަލަށް އޮޕަރޭޝަނަށް ގެނެސްފައިވޭ. މިއާއެކު ބެޑް ކެޕޭސިޓީއަށްވަނީ 14000 އިތުރުވެފައި." ނައިބް ރައީސް ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ މިހާރުވެސް 107 ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާ، އޭގެތެރެއިން 22 ރިސޯޓު އަންނަ އަހަރުގެ ނިޔަލަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި މިއާއެކު ފަތުރުވެރިކަމަށް އިތުރު 5000 އެނދު ނެރެވިގެންދާނެކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިތުރު 45 ގެސްޓުހައުސްއެއް ތަރައްޤީކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށާއި މިއާއެކުވެސް ފަތުރުވެރިކަމަށް 820 އެނދު އިތުރުވެގެންދާނެކަންވެސް ނައީބް ރައީސް ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާރު 166 ރިސޯޓު، 12 ހޮޓާ، 762 ގެސްޓުހައުސް، 147 ސަފާރީ ބޯޓު، އަދި 2 ހޯމް ސްޓޭ ފެސިލިޓީ އަންނަނީ އޮޕަރޭޓުކުރަމުންނެވެ.
ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ތަފާތު އެކި ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.