ދުނިޔޭގެ ވިޔަފާރި

އެމެރިކާ ވިޔަފާރިއަށް އެއް ބިލިއަން ޑޮލަރު އިންވެސްޓުކުރަން ލެގޯއިން ނިންމައިފި


އެމެރިކާގައި އަޅާ ކުންފުނީގެ ކާރުޚާނާއަކަށް 1 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު އިންވެސްޓްކުރަން، ކުޅޭ އެއްޗެތި އުފައްދާ ކުންފުނި ލެގޯއިން ނިންމައިފިއެވެ.

މި އިންވެސްޓްމެންޓް ކުރަން ނިންމީ އުފައްދާ ތަކެތި ލިބުމުގެ ދަތިކަން ނައްތާލުމަށާއި އެމީހުންގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ކުލަކުލައިގައި ހުންނަ ޕްލާސްޓިކް ބްރިކްތަކަށް އޮތް ޑިމާންޑާއި އެއްވަރަށް ތަކެތި އުފައްދަން ކަމަށް ލެގޯ އިން ބުނެއެވެ.

މިއިންވެސްޓްމެންޓްގެ ސަބަބުން މުހިންމު މާކެޓްތަކާއި ކައިރިން އުފެއްދުންތައް އުފެއްދުމުގެ ސްޓްރެޓެޖީ ވެސް ބޭނުންކުރެވޭނެއެވެ. އަދި ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ތަކެތި ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާތީ މިސްޓްރެޓެޖީގެ ސަބަބުން މިކަމަށްވެސް ފައިދާ ކުރާނެކަމަށް ލެގޯއިން ބުނެއެވެ.

160000 އަކަ މީޓަރުގެ މިކާރުޚާނާގެ މަސައްކަތް ފަށާނީ 2025 ވަނަ އަހަރުއެވެ. އަދި މުވައްޒަފުންގެ ގޮތުގައި 1760 މީހުން ކާރުޚާނާގެ މުވައްޒަފުންގެ ގޮތުގައި ތިބޭނެއެވެ.

ލެގޯގެ 100 ފިހާރަ އެމެރިކާގައި ހުންނައިރު އެ ފިހާރަތަކުގައި ގާތްގަޑަކަށް 2600 މީހުން ވަޒީފާ އަދާކުރެއެވެ.
އާއިލީ ވިޔަފާރިއެއްކަމަށްވާ ލެގޯއިން މިދިޔަ އަހަރު ވަނީ 7.8 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިކޮށްފައެވެ.
ލެގޯއިން އަހަރެއްގެ މައްޗަށް 100 ބިލިއަން ބްރިކްސް އުފައްދައެވެ. މުޅި ދުނިޔޭގައި ގާތްގަޑަކަށް 24000 ލެގޯގެ މުވައްޒަފުން ތިބެއެވެ.