ޚަބަރު

ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ބ.ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިބަނދަރު ބޮޑުކޮށް މިހާރު އޮތް ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

މި ބަނދަރު ހެދުމަށް ސައިޓް މޮބަލައިޒްކޮށްފައިވަނީ މިމަހުގެ ތެރޭގައެވެ. އެމްޓީސީސީން ވިދާޅުވީ ބަނދަރު މަސައްކަތުގެ ދަށުން އެންމެފުރަތަމަ ކުރިއަށްދާނީ ބަނދަރަށް އިތުރުކުރާބައި ފުންކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މިހާރުއޮތް ބަނދަރުގެ ހުޅަނގު ފަރާތުން ބަނދަރަށް އިތުރުކުރާ ބައި ފުންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ މިއީ ކަމަދޫ ރައްޔިތުން ކުރަމުންއައި ވަރަށް ގިނަދުވަސްވީ އުންމީދެއްކަމަށެވެ. އަދި މީގެ ސަބަބުން ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމާއި ފަޅު ތިލަވުމުގެ މައްސަލައަށް ހައްލުލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ބަނދަރުގެ ބޭރު ތޮށިހަލާކުވެފައި އޮތުމުން ބޮޑެތި ރާޅު ބަނދަރުގެ އެތެރެއަށް ވަނުގެ އުނދަގޫ ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަނދަރު ސަރަޙައްދުގެ މަގު ހަދާފައި ނެތުމުން ބަނދަރުގެ ބޭނުން ކުރާ މީހުންނަށް ދިމާވާ އުނދަގޫތަކަށް މި މަސައްކަތް ނިމުމުން ހައްލު ލިބިގެންދާނެކަމަށްވެސް ހަސަން ޒަރީރު ވިދާޅުވިއެވެ.

ބޮޑެތި ގިނަ އުޅަނދުތަކެއް ކައިރި ކުރާ މިބަނދަރުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާއަކީ މެދުނުކެނޑި ކައުންސިލަށް ލިބެމުންދާ ޝަކުވާއެކެވެ. މިކަމަށް ނިމުމެއް ގެނެސްދެއްވާތީ ކައުންސިލުން ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

"މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމީ މިކަމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭކަމެށް. އިއްޔެ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭއްވި ކުޑަކުޑަ ހަފްލާއިން އެކަން ވަރަށްބޮޑަށް އެނގިގެން ދިޔަ." ޕީއެސްއެމްނިއުސްއަށް ފޯނުން މައުލޫމާތުދެމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.

ކަމަދޫގައި މިހާރު އޮތީ 400 ފޫޓް ދިގު 150 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިބަނދަރަށް އިތުރުކުރުމަށް ހަމަޖެހިފައި އޮތީ 150 ފޫޓެވެ. މި މަސައްކަތުގެ ދަށުން ބަނދަރަށް އިތުރުކުރާ 25،404 އަކަމީޓަރުގެ ސަރަހައްދު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާއި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތަށް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުން މިމަސައްކަތުގެ ދަށުން ކުރާނެއެވެ.

ޕްލޭނިގްއިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރެއްވީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ބަނދަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެތެރޭގައެވެ.