ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ސްޓެލްކޯއިން އަޅާފައި ހުރި ޓަވަރުތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަޙްމަދު ޝަރީފް ވިދާޅުވީ އަންނަ މަހުގެތެރޭގައި ސްޓެލްކޯގެ ހިޔާ ފްލެޓްތައް މުވައްޒަފުންނާއި ހަވާލުކުރާނެ ކަމަށެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްއެޅުމަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި ނަމަވެސް މީގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަނީ 4 ކުންފުންޏަކުންނެވެ. އެއީ ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީއާއި އެމްޕީއެލްއާއި އެމްއޭސީއެލްއިންނެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނިން ޢަމާޒުކޮށްފައިވަނީ ވީހާވެސް އަވަހަށް މުވައްޒަފުންނަށް ފްލެޓްތަކުގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްކަމަށެވެ. އެގޮތުން މިހާރު އެ ކުންފުނިންވަނީ ކަރަންޓް ދިނުމަށް ބޭނުންވާ ޓްރާންސްޕޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. ސްޓެލްކޯއިން މަޢުލޫމާތުދޭ ގޮތުގައި އެ ކުންފުނީގެ ފްލެޓްތަކަށް ކަރަންޓު ގުޅާ ނިމި، އަންނަ މަހުގެތެރޭގައި ފްލެޓްތައް ހަވާލުކުރުމަށްވަނީ ނިންމާފައެވެ.
ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަޙްމަދު ޝަރީފް ވިދާޅުވީ ކުލިދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަކުރުމަށްޓަކައި ކުލި ދައްކަން ފަށަންޖެހޭ މުއްދަތު ލަސްކޮށްފައިވާކަމަށެވެ. އެގޮތުން އަންނަ މަހު ފްލެޓްތައް ހަވާލުކުރިނަމަވެސް ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ޖުމްލަ 360 ފްލެޓެވެ. މީގެތެރޭގައި 2 ބާވަތެއްގެ އެޕާޓްމަންޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރި، ޕްލަސް މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.
މި ފްލެޓްތައް ހަވާލުކުރަނީ އެތެރޭގެ ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ. އެގޮތުން މުށިޖެހުމާއި، ފާޚާނާއާއި އަދި ބަދިގެ ކަބަޑުސެޓުވެސް ހުންނާނީ ނިމިފައެވެ.
ސްޓެލްކޯއިން އަމާޒު ހިފާފައިވާގޮތަށް ޖުލައިމަހުގެ ތެރޭގައި ފްލެޓްގައި މީހުންނަށް ދިރިއުޅެން ފެށިއްޖެ ނަމަ، ސްޓެލްކޯގެ ފްލެޓް ވާނީ ކުންފުނިތަކުގެ ފްލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް މީހުން ދިރިއުޅެން ފަށާ ފްލެޓަށެވެ.