ޚަބަރު

ހަމަނުޖެހުމާއި ގުޅިގެން މުހައްމަދު އިސްމާއިލާއިއެކު އިތުރު ދެ މީހަކު ހައްޔަރުކޮށްފި


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިނގި މައްސަލާގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިސްމާއީލާއި އެކު ދެން ހައްޔަރުކުރީ ކޮން ބައެއްކަން އަދި ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި ދެން ހައްޔަރުކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާނާއި ފަޒްލޫން މުހައްމަދެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހެނދުނު ކުރިއަށްދިޔަ ޔޯގާ ހަރަކާތައް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ވަނީ ދީފައެވެ. ފުލުހުން ވިދާޅުވީ މި މި ހަމަނުޖެހުންތަކުގައި ބޭނުންކުރި އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުންކަމަށެވެ.

އިއްޔެ ހެނދުނު 06:30 ގައި އޮތް ހަރަކާތް ހުއްޓުވުމަށް ދިޔަ މީހުން ބޭނުންކުރި ދިދަތަކާއި އަޑުގަދަ ކުރާ ސާމާނު ޕީ÷ިއެމުން ނެރޭ ފޮޓޯތަކެއް ވަނީ އާއްމުވެފައެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި އެ ތަކެތި ޕީޕީއެމުގެ އޮފީހުން ނެރެފައިވަނީ ފަތިހު 05:05 ގައެވެ. އަދި އެތަކެތި އެމީހުނަށް ދިނުމުގައި އަވަދިނެތި މުހައްމަދު އިސްމާއީލް އުޅޭތަން ފެނެއެވެ. އަދި އެކަމުގައި ޕީޕީއެމްގެ އެކްޓިވިސްޓުން ބައިވެރިވާތަންވެސް ފެނެއެވެ.

ޕީޕީއެމް އޮފީހުން ނެރިގެން ގެންގޮސްފައިވަނީ ރަސޫލާގެ ދިފާއުގައި އެޕާޓީން މިދިޔަ ހަފްތާގައި ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބޭނުންކުރި ދިދަތަކެވެ. މިތަކެތި ހިފައިގެން ބަޔަކު މީހުން ގަލޮޅު ދަނޑުބޭރުގައި ތިބުމަށްފަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލާ ދަނޑުތެރެއަށް ވަންތަން ފެނިގެންދެއެވެ. އަދި އެ ދިދައަކުން މީހެއްގެ ގައިގައި ޖަހާތަންވެސް އިއްޔެ އާއްމު ވީޑިއޯތަކުން ވަނީ ފެނިފައެވެ. މީގެއިތުރުން އެ ސަރަހައްދުގައި ހުރި ބެރިކޭޑްތައްވެސް ނަގާ އުކާތަން ވީޑިއޯތަކުން ފެނެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.