ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސް އިން ތިން ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި


ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ޕްލެޓްފޯމް ނެޓްފްލިކްސް އިން 300 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

މިއީ ކުންފުނީގެ މުވައްޒަފުންގެ ޖުމްލަ ޢަދަދުގެ %4 އިންސައްތަ މުވައްޒަފުންނެވެ. އަދި މިއީ ނެޓްފްލިކްސް އިން މުވައްޒަފުން ވަޒީފާއިން ވަކިކުރާ ދެވަނަ ފަހަރެވެ. ނެޓްފްލިކްސް އިން މިގޮތަށް ނިންމީ 10 އަހަރު ފަހުން ފުރަތަމަ ފަހަރަށް ކުންފުނީގެ ސަބްސްކްރައިބުން ވަރަށް ބޮޑަށް މަދުވުމުންނެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަބްސްކްރައިބަރުން މަދުވުމުން ކުރިއަށް އޮތްތަނުގައި އެއަށްވުރެވެސް ބޮޑަށް ސަބްސްކްރައިބުން މަދުވާނެކަމަށް ނެޓްފްލިކްސްއިން ވަނީ ލަފާކޮށްފައެވެ.

މިކަމާއިގުޅިގެން ނެޓްފްލިކްސް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ވިޔަފާރިއަށް އިންވެސްޓް ކުރަމުންދާއިރު ކުންފުނީގެ އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރަން ނިންމީ ކަމަށެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް ނެޓްފްލިކްސްއަށްވެސް އަންނަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ. މުވައްޒަފުން ވަކިކުރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެމެރިކާގެ ވަޒީފާގެ ބާޒާރަށެވެ. ނެޓްފްލިކްސް އިން މިދިޔަ މަހު ވަނީ 150 މުވައްޒަފުން ވަކިކޮށްފައެވެ.

ސަބްސަކްރައިބުން އިތުރުކުރުމުގެ ގޮތުން ނެޓްފްލިކްސް އިން އަންނަނީ އަގުހެޔޮ ސަބްސްރިޕްޝަން ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދެ މިލިއަން ސަބްސްކްރައިބާސް ގެއްލޭނެ ކަމަށް ނެޓްފްލިކްސްއިން މީގެކުރިންވެސް ވަނީ ލަފާކޮށްފައެވެ.

ނެޓްފްލިކްސްގެ ހިއްސާގެ އަގުވެސް މިއަހަރު ވަނީ ގާތްގަޑަކަށް %70 ށް ވެއްޓިފައެވެ.