ޚަބަރު

5 ވަނަ މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ފަށައިފި


20 އަށްވުރެ ގިނަ އެގްޒެބިޓަރުންނާއެކު މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރގެ 5 ވަނަ އެކްސްޕޯ ފަށައިފިއެވެ.

މި އެކްސްޕޯއަކީ އަސަރީ ސަރވިސްއާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް، މެކްސްއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އެކްސްޕޯއަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވަނީ ޒިޔާރާތްކޮށް، ވަކިވަކި ސްޓޯލްތަކުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް މީރުމާ ހޯލްގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުންނަ ތަޢުލީމާއި ތަމްރީނާއި ޢިލްމު އުނގެނުމާ ގުޅޭ ތަފާތު މަޢުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ ފެއަރ އެކެވެ. އަސަރީ ސަރވިސްއިން ބުނީ މިފަހަރުގެ ފެއަރގައި 25 އިންސްޓިއުޓް ބައިވެރިވާކަމަށެވެ. މީގެތެރޭގައި ރާއްޖޭގެ ކޮލެޖްތަކާއި އިންޑީއާ، ސްރީލަންކާ، އޮސްޓްރޭލިއާ އިނގިރޭސިވިލާތް ފަދަ ބޮޑެތި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ކުރިއަށްގެންދާ ކޯސްތަކުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަސަރީ ސަރވިސްގެ މެނޭޖިން ޑިރެކްޓަރ ޢައިޝަތު މުޢީނާ ވިދާޅުވީ ޑިޒައިންގެ ދާއިރާއަށާއި ސައިކޮލަޖީ އަދި އެކި ޤައުމުތަކުގައި ހުރި މަތީ ތަޢުލީމްގެ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތަކަށް ޚާއްސަކޮށްގެން ސެމިނަރތަކެއް ކުރިއަށްގެންދާނެކަމަށެވެ. އަދި މިފެއަރގައި ބައިވެރިވާ އިންސްޓިޓިއުޓްތަކުގެ ކޯސްތަކުން ޑިސްކައުންޓް ލިބުންފަދަ ކަންތައްތައް ކުރިއަށްދާނެކަމަށްވެސް މުއީނާ ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތަޢުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ކޮލެޖް ޔުނިވަރސިޓީތަކުގެ އިސްފަރާތްތަކާ ބައްދަލުކޮށް، މުހިންމު މަޢުލޫމާތުތަކެއް ލިބުމުގެ އިތުރަށް ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމާއި އެޕްލިކޭޝަނާއެކު ލިޔުންތައް ވެރިފައިކޮށް ޕްރޮސެސްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އަސަރީ ސަރވިސްއިން ބުނެއެވެ.

މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރގެ 5 ވަނަ ކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00އަށެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މި އެކްސްޕޯއަށް 1400 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރާތްކޮށްފައެވެ.