ޚަބަރު

ދަނޑުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި


މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ތިން މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އަނެއް މީހާ ހައްޔަރު ކޮށްފައިވަނީ މިއަދުގެ ވަގުތެއްކަމަށެވެ. މިމީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މިތިން މީހުންނާއެކު މިމައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. މީގެ ކުރިން ހައްޔަރު ކުރި 12 މީހުންނަށްވެސް ކޯޓުން ވަނީ ބަންދުގައި ބޭތިއްބުމަށް މުއްދަތު ކަނޑައަޅާފައެވެ.

މިހަމަނުޖެހުމާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނާއި، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. އަދި މިހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ފުލުހުން ވަނީ ގާއިމްކޮށްފައެވެ. އަދި އެ ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.