ޚަބަރު

ޤައުމުތަކާއެކު ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެން: ރައީސް


ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުވުން ކުރިއަށްދާ ރުވާންޑާގެ ކިގާލީގެ މެރިއޮޓް ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވާފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ..

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.