ދުނިޔޭގެ ވިޔަފާރި

ޖަޕާނުގައި ތަކެތި އުފައްދާ މިންވަރު ވިދިވިދިގެން ދެ މަހު ދަށަށް!


ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ޗައިނާގައި އޮތް ފުރަބަންދުގެ ސަބަބުން ޖަޕާނުގައި ތަކެތި އުފައްދާ މިންވަރު ވިދިވިދިގެން ދެ މަހު މަދުވެއްޖެއެވެ.

ޖަޕާނުގެ އިންޑަސްޓްރިއަލް ތަކެތި އުފައްދާ މިންވަރު މިދިޔަ އޭޕްރީލް މަހާއި އަޅާބަލާއިރު މި މަހު %0.3 އަށް މަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ތަކެތީގެ އަގުތައް އަންގައިދޭ މިންގަޑެއް ކަމަށްވާ ކޮންސިއުމަރ ޕްރައިސް އިންޑެކްސްއަށް ބަލާއިރު މި މަހު ޖަޕާނުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް %2.1 އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މެއިމަހު ޖަޕާނުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ %2.5 ގައެވެ.

ޗައިނާގައި އޮތް ފުރަބަންދުގެ ސަބަބުން ތަކެތި ލިބުން ދަތިވުމާއި ދުނިޔޭގެ ބާޒާރުން ސެމީކޮންޑަކްޓާސް ލިބުން ދަތިވުމުގެ ސަބަބުން ޖަޕާނުގެ އުފެއްދުންތެރިކަން ހީނަރުވެފައިވާކަމަށް އިޤްޠިޞާދީ މާހިރުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ރޯ މެޓީރިއަލްގެ އަގު އުފުލި ޖަޕާނުގެ އުފެއްދުންތެރިކަން ކުރިއެރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަމަށްވެސް މާހިރުން ބުނެއެވެ.

ޗައިނާ ފުރަބަންދުގެ ސަބަބުން ތަކެތި ލިބުން ދަތިވުމާއި ސެމީކޮންޑަކްޓާސް ލިބުން ދަތިވުމުގެ ސަބަބުން ދުނިޔޭގައި އެންމެ ގިނައިން ކާރު އުފައްދާ ކުންފުނިކަމަށްވާ ޖަޕާނުގެ ޓޮޔޯޓޯއިންވެސް ވަނީ ޖުލައި މަހު އުފައްދާ ވެހިކަލްގެ ޢަދަދު 50000 އަށް މަދުކުރަން ނިންމާފައެވެ.