ދުނިޔެ

ފަލަސްތީނުގެ ނޫސްވެރިޔާ މަރާލީ އިސްރާޢީލުން: އ.ދ.

ފަލަސްތީނުގައި އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ރިޕޯޓު ކުރަމުންދިޔަ ފަލަސްތީނުގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫއަކްލަޙް މަރުވީ އިސްރާޢީލުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކެއް ކަމުގައި އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. އެ އިދާރާއިން މި ކަން ހާމަކޮށްފައި ވަނީ، ޝީރީން މަރުވީ ކޮން ބަޔަކު ދިން ހަމަލާއަކުންތޯ ކަށަވަރު ކުރުމަށް ހިންގި ތަހުޤީޤަކަށް ފަހުއެވެ.

ޖެނީވާގައި ހުންނަ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ރަވީނާ ޝަމްދަސާނީ ވިދާޅުވީ، ޝީރީންގެ މަރާ ގުޅިގެން އިސްރާޢީލުގެ ސަރުކާރުން ޖިނާޢީ ތަހުޤީޤެއް ހިންގާފައި ނުވާތީ ހިތާމަ ކުރައްވާ ކަމުގައެވެ. ޝީރީން މަރުވީ ފަލަސްތީނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމާޢަތަކުން ދިން ހަމަލާއެއްގައި ކަމަށް އިސްރާޢީލުން ބުނި ނަމަވެސް، އ.ދ.ގެ ރިޕޯޓުގައި މި ކަން ވަނީ ދޮގުކޮށްފައެވެ. އިސްރާޢީލުން ދިން ހަމަލާތަކުގައި ޝީރީނުގެ އިތުރުން، އޭނާއާ އެކު މަސައްކަތް ކުރަމުންދިޔަ ޢަލީ ސައްމޫދީ ވެސް ވަނީ މަރުވެފައެވެ.

ޝީރީން މަރާލުމުގެ އިތުރުން އިސްރާޢީލުގެ ސިފައިން ވަނީ އޭނާގެ ޖަނާޒާ ކުރިއަށްދިޔަ ވަގުތު، ޖަނާޒާގައި ބައިވެރިވި މީހުންނަށް ވެސް ހަމަލާދީ އުދުވާން ހިންގާފައެވެ. ޝީރީންގެ މަރާ ގުޅޭ ތަހުޤީޤީ ރިޕޯޓެއް އ.ދ.އިން ޢާންމު ކުރުމާ ގުޅިގެން އިސްރާޢީލުން ވަނީ ޝީރީންގެ މަރާ ގުޅޭ ތަހުޤީޤެއް ހިންގަމުންދާ ކަމުގައި ބުނެފައެވެ. އަދި، ޝީރީންގެ ހަށިގަނޑަށް އަރާފައިވާ އުންޑަ ތަހުލީލު ކުރަން ބޭނުންވާ ކަމުގައި ބުނެފައެވެ. ނަމަވެސް، ފަލަސްތީނުން ވަނީ އެ އުންޑަ އިސްރާޢީލާ ހަވާލު ކުރަން ދެކޮޅު ހަދާފައެވެ.

ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސްގެ ތަރުޖަމާނެއް ކަމުގައިވާ ނަބީލް އަބޫ ރުދައިނާ ވިދާޅުވީ، އ.ދ.ގެ ތަހުޤީޤާ އެކު ޝީރީންގެ މަރުގެ ފަހަތުގައި ވަނީ އިސްރާޢީލު ކަން މުޅި ދުނިޔެއަށް ހާމަވެފައިވާ ކަމުގައެވެ. އަދި، އިސްރާޢީލު ސިފައިން ޝީރީނަށް ހަމަލާދީފައި ވަނީ އޭނާ ޤަތުލުކޮށްލުމުގެ ނިޔަތުގައި ކަމަށް ތުހުމަތުކޮށް، ޝީރީންގެ މަރުގެ ޒިންމާ އެ ޤައުމުން އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝީރީންގެ މަރާ ގުޅިގެން އެމެރިކާގެ ނޫހެއް ކަމުގައިވާ ނިއުޔޯކް ޓައިމްސްއިން ވެސް ވަނީ މިނިވަން ތަޙުޤީޤެއް ހިންގާފައެވެ. އެ ނޫހުން ވެސް ބުނީ، ޝީރީން މަރުވީ އިސްރާޢީލު ސިފައިން ދިން ހަމަލާތަކެއްގައި ކަމުގައެވެ. އަދި، ޝީރީން މަރުވި ހާދިސާ ހިނގާފައިވާ ސަރަޙައްދުގައި ފަލަސްތީނުގެ ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން ހަރަކާތްތެރިވެފައި ނުވާ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

ޝީރީން މަރާލާފައި ވަނީ، މޭ 11 ވަނަ ދުވަހު އިސްރާޢީލުގެ ސިފައިން ޖެނީންގައި ހިންގަމުންދިޔަ އިންސާނިއްޔަތާ ޚީލާފު ޖަރީމާތަކެއް ރިޕޯޓު ކުރަމުން ދަނިކޮށެވެ. މަންޒަރު ދުށް މީހުން ބުނީ، އިސްރާޢީލު ސިފައިން ޝީރީނަށް ހަމަލާދީފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމުގައެވެ. މި ކަން، އ.ދ.ގެ ތަހުޤީޤަށް ވެސް ހާމަވެފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ.

އަލްޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީންގެ މަރާ ގުޅިގެން ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަ ފާޅުކުރިއެވެ. އަދި، އަލްޖަޒީރާއިން ވަނީ އޭނާގެ މަރާ ގުޅޭ މައްސަލަ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓަށް ހުށަހަޅަން ނިންމާފައެވެ. ފަލަސްތީނުގައި އިސްރާޢީލުގެ އިސްތިއުމާރީ ބާރުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ކަވަރު ކުރުމުގެ މަސައްކަތް ޝީރީން ފަށާފައި ވަނީ މީގެ 25 އަހަރު ކުރިންނެވެ.