ޚަބަރު

ދިވެހި ޙައްޖާޖީން ފުރަން ފަށައިފި


މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ 156 މީހުން ޙައްޖަށް ފުރައިފިއެވެ.

ހައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގުރޫޕާ ބައްދަލުކުރުމަށް ނައިބް ރައީސް ފައިޞަލް ނަޞީމާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވަނީ އެއަރޕޯޓަށް ވަޑައިގެންފައެވެ.

މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާފައިވަނީ ރާއްޖެގަޑިން ރޭގަނޑު 23:15ގައެވެ. ޖިއްދާއަށް ދެވޭނީ ރޭގަނޑު 02:35ގައެވެ. އެއީ ރާއްޖެގަޑިން ފަތިހު 04:35، އެހާކަންހާއިރުއެވެ. ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ފަރާތްތައް ދިރިއުޅޭ ސަރަޙައްދުތަކާ ކައިރިން ވަނީ ޚާއްސަ ޕޮއިންޓްތަކެއް ކަނޑައަޅާ އެއަރޕޯޓަށް ދިޔުމަށް ބަހުގެ ޚިދުމަތް ދީފައެވެ. ޙައްޖާޖީންނަށް އެހީތެރިވުމައްޓަކައި ބަސް އޮންނަ ޕޮއިންޓްތަކުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މޯލްޑިވްސް ގަރލްގައިޑް އެސޯސިއޭޝަނާއި، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން ހަރަކާތްތެރިވިއެވެ. މިގޮތުން ޙައްޖުވެރިން ގެންދިއުމަށް މާލޭގައި 21 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 1 ގައި 4 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 2 ގައި 1 ބަސް ސްޓޮޕް ވަނީ ޤާއިމްކޮށްފައެވެ.

އަދި ޙައްޖާޖީންނާއެކު ބަސްތައް ދަތުރުކުރަމުންދާއިރު މިބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަަނީ ޓްރެފިކް ބަލަހައްޓާފައެވެ.

ރާއްޖެއިން ޙައްޖަށްދާ ހައްޖާޖީންނަށް ޖިއްދާގެ އެއަރޕޯޓުން މަރުޙަބާ ވިދާޅުވެ، އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރާއްޖޭގެ ޙައްޖު މިޝަންއާއި ސައޫދީގެ ކޮންސުލޭޓުގެ ބޭފުޅުން ވަޑައިގަންނަވާނެކަމަށް ޙައްޖުކޯޕަރޭޝަނަނުން ވިދާޅުވިއެވެ.

ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށްޓަކައި ކޯޓާގެގޮތުގައި ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ހޮވާފައިވަނީ ޢާއްމުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ބާކީ ޖާގަތަކަށް މީހުން ނެގީ ޙައްޖު ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ. މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 26ވަނަ ދުވަހާއި، 29ވަނަ ދުވަހާއި، ޖުލައި މަހުގެ 2ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ފްލައިޓުން 175 ޙައްޖާޖީން އަދި ޖުލައި 2ވަނަ ދުވަހު އޮންނަ ފްލައިޓުން 115 ޙައްޖާޖީން ފުރާނެއެވެ.

ޤައުމުތަކުން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސަޢޫދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން %85 މީހުންނަކީ އެހެނިހެން ޤައުމުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެޤައުމަށް އެތެރެވާ މީހުންނެވެ. މިގޮތުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެއްމިލިޔަން މީނުންނަށް ފުރުޞަތު ދީފައިވެއެވެެ. އޭގެ ތެރެއިން 850،000 މީހުންނަކީ އެހެނިހެން ޤައުމުތަކުގެ މީހުންނެވެ. އަދި ސަޢުދީގެ ރައްޔިތުންނަށާއި އެޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 150،000 މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ސަޢުދީން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެ ގޮތުން އެޤައުމަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދީފައިވެއެވެ. އިންޑިއާއަށް 79،237 ކޯޓާ ދީފައިވާއިރު ބަންގްލަދޭޝްއަށް ލިބިފައިވަނީ 57،585 ކޯޓާއެވެ. އަދި ދެން އެންމެ ގިނައިން ކޯޓާ ލިބިފައިވާ ނައިޖީރިއާއަށެވެ. އެޤައުމަށް ދީފައިވަނީ 43،008 ކޯޓާއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ ޕެންޑަމިކުގެ ކުރިން ޙައްޖުގައި ބައިވެރިވާ މީހުންގެ ޢަދަދަށްވުރެ ބޮޑުތަން މަދު ޢަދަދެކެވެ. މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން އައެވެ. ނަމަވެސް 2020ވަނަ އަހަރު މައްކާގައި ކޯވިޑް-19 ފެތުރެން ފެށުމުން ބަލިކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އޭގެފަހުން 2021ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ހުޅުވާލީ 60000 މީހުންނަށެވެ.

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް ހުށަހަޅަންޖެހޭނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 8ވަނަ ދުވަހެވެ.